ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން"(އާރކްގެ) އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އާރކުގެ ފަރާތުން އެ ޖަމިއްޔާއިން ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ނައިބު ރައީސާ ހިއްސާ ކުރައްވާފައިވާ ކަމަށާއި ކުޑަކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމުގެ ދާއިރާއިން ހުރި ބައެއް ކަންބޮޑުވުންތައް އެ ޖަމިއްޔާއިން ވަނީ ރައިބު ރައީސާ ހިއްސާކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ތިބޭ ކުޑަކުދިންނަށް އާރކްގެ ފަރާތުން ޕްރޮގްރާމްތައް ހިންގައިދިނުމުގެ ޝައުޤުވެރިކަން އާރކްގެ އިސްވެރިން ފާޅުކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މުޖުތަމައުގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި އަދި ވަކިން ހާއްސަކޮށް ކުޑަކުދިންގެ ހައްގުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާރކް ޖަމިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ޖަމިއްޔާގެ އިސްވެރިންނަށް ނައިބު ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އަދި މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގައާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދޭ އެފަދަ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އިޖުތިމާއީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި ވަކިން ހާއްސަކޮށް ކުޑަކުދިންގެ ކަންކަމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
'އާރކް' ޖަމިއްޔާއަކީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ ހައްގުތައް ކުރިއަރުވައި، ކުޑަކުދިންގެ ހައްގުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެކެވެ.