ތިމާވެށި

ތިމާވެއްޓަށް ގެއްލުންވާ ޕްރޮޖެކްޓްތައް ހުއްޓާލަން ގޮވާލައި މަޖިލިސް ކުރިމަތީ އަޑު އުފުލައިފި

އިބްރާހިމް ޒަކީ

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ގޮވާލައި، "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި މިއަދު ބާއްވައިފިއެވެ.

"ގްލޯބަލް ކްލައިމެޓް ސްޓްރައިކް" އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލައި، އެކަމަށް މަސައްކަތްކުރާ ފަރާތްތަކުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަމުން އަންނަ އަޑު އުފުލުމެކެވެ.

މިއަދު ހެނދުނު 9:45 ގައި ފެށި މި އަޑުއުފުލުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ބައިވެރިވަޑައިގެންނެވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ހިމެނޭ ޕޯސްޓަރުތަމާއި އެކަމާބެހޭގޮތުން ސަރުކާރަށް ގޮވާލާ ގޮވާލުންތައް ހިމެނޭ ޕޯސްޓަރުތަކާއެކު ބޭއްވި މި އަޑުއުފުލުމުގައި، ކަރަންޓް އުފެއްދުމަށް ތެޔޮ އެންދުމާއި ފަޅުތައް ހިއްކުމަށް ކުރިއަށްގެންދާ މަސައްކަތް ހުއްޓާލުމަށް ވަނީ ގޮވާލައިފައެވެ. އަދި މަޖިލީހުން ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުގެނަސްގެން ތިމާވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ތެޔޮ އަންދައިގެން ކަރަންޓް އުފެއްދުމުގެ ބަދަލުގައި ސޯލާ ބޭނުންކުރުމަށް ވަނީ ގޮވާލައިފައެވެ.

ގްލޯބަލް ކްލައިމެޓް ސްޓްރައިކު އަކީ އިއްޔެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުޑަކުދިންނާއި ސްކޫލު ކުދިން އިސް ނަގައިގެން ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް ބާރުއެޅުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި މިއަދު ބޭއްވި މި ހަރަކާތުގެ ބައިވެރިންނާ، އެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ ބައްދަލުކޮށްފައެވެ.