އިބްރާހިމް ޒަކީ
ހ. ތިލަފުށިގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރި ހަ ގެއަކާއި ހަތަރު ގުދަނެއް ރޯވި ހާދިސާގައި، ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުން، އެޅުއްވީ އަވަސް ފިޔަވަޅުތަކެއް ފާހަގަ ކުރެވޭކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
އެ އަލިފާނުގެ ހާދިސާގައި، އެކަކު ނިޔާވެ 400 އަށްވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައިވާކަން ފާހަގަ ކުރައްވައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދީ، އެފަދަ އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކާށިދޫ ދާިއރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅުތަކަށް ޝުުރު ދަންނަވާ ކަމަށެވެ.
އަދި އެ ހާދިސާގައި ދިވެހި ސިފައިންނާއި ފުލުހުން ދެއްކެވި ހިތްވަރާއި ކުރެއްވި މަސައްކަތް ވެސް ފާހަގަ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާދިސާ ދިމާވި ހިނދު އަޅުގަނޑުމެން އެންމެންގެ ފަހުރެއްކަމުގައިވާ ދިވެހި ސިފައިންނާއި ފުލުހުން އެ ދެއްކެވި ހިތްވަރަށާއި ކުރެއްވި މަސައްކަތް ޕުޅަށް، އަދި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުން، ނެންގެވި އަވަސް ފިޔަވަޅުތަކަށް ޝުކުރު ދަންނަވަން،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ، އެކަމުގައި ދިވެހި ލޮބުވެތި ރައްޔިތުން، މާލޭގެ ރައްޔިތުން ހިލޭ ސާބަހަށް ކުރެއްވި މަސައްކަން ފާހަގަކޮށް އެފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އަލިފާނުގެ ހާލުގައި ޖެހިފައިވާ އާއިލާ ތަކަށާއި، އެނޫންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވާ ހުރިހާ މަސއްކަތްތަކެއް ފުރިހަމަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ތާއީދު ކުރައްވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
"މިހާދިސާގައި ހާލުގައި ޖެހިފައިވާ އާއިލާ ތަކަށާއި އަދި އެނޫންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް މިސަރުކާރުން ފުރިހަމަ ކުރެއްވުމަށް ކުރައްވާ މަސައްކަތް ޕުޅުގައި އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެ،" ޣައްސާން ވިދާޅުވިއެވެ.