ޚަބަރު

"ވިމެން ޓޮޕް 50" ކޮންފަރެންސްގެ އާރލީ ބާރޑް އޮފަރގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު އައުޒަމް

ވިމެން އިން މެނޭޖްމަންޓްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ވިމެން ޓޮޕް 50" ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެނުއަލް ކޮންފަރެންސް 2018ގައި ބައިވެރިވާ ފަރާތްތަކުން ރެޖިސްޓަރ ވުމަށް ހުޅުވާލައިފައިވާ އާރލީ ބާރޑް އޮފަރގެ މުއްދަތު އިތުރުކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 4 ވަނަދުވަހު ސްރީލަންކާގެ ގޯލް ފަޗެ ހޮޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ އާރލީ ބާރޑް އޮފަރގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މި ކޮންފަރެންސްގައި 30 ޕެނަލިސްޓުންގެ ފަރާތުން، އެކި މައުލޫމާތު ހިއްސާ ކުރާނެއެވެ. ކޮންފަރެންސްގައި ތިން ކީ ނޯޓް ސްޕީކަރުން ހިމެނޭ އިރު، އޭގެ ތެރޭގައި ޑރ. މަރިޔަމް ޝަކީލާ ވެސް ހިމެނިވަޑައިގަންނަވައެވެ. ޑރ. ޝަކީލާ އަކީ ވިމް ޕްރޮފެޝަނަލް އެންޑް ކެރިޔާ ވުމެން އެވޯރޑް ވެސް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.

"ވިމެން ޓޮޕް 50" ކޮންފަރެންސްގެ މައުލޫމާތުދެއްވުމަށް ސްރީލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިމެން އިން މެނޭޖްމަންޓްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގޭރާ ވިދާޅުވީ މިކޮންފަރެންސަކީ ވަރަށް މުހިންމު އަދި އެތައް ކަމެއް ބަދަލުކޮށްލާނެ އިވެންޓެއް ކަމަށެވެ.

"މި ކޮންފަރެންސް ވެގެން ދާނީ އަންހެނުން މަސައްކަތުގެ މާހައުލުގައި ދިމާވެފައިވާ އަދި ކުރިން ކިޔައިދީފައިނުވާ ތަފާތު ވާހަކަތަކެއްގެ މައްޗަށް ބައިވެރިން އިންސްޕަޔަރ ކުރުވައި އެވާހަކަތަކުން ބާރުލިބި މަސައްކަތުގެ މާހައުލުގައި ފިޔަވަޅުތަކެއް އެޅިގެން ދާނެ ވަރުގެ ކޮންފަރެންސަކަށް،"
ޑރ. ސެގޭރާ ވިދާޅުވިއެވެ.

ޑރ. ސެގޭރާ ވިދާޅުވީ ކޮންފަރެންސްގެ ޓޮޕިކްތައް ވެސް އެހެން ކޮންފަރެންސް ތަކުގައި އަބަދު އިވޭ ޓޮޕިކްތަކާއި ތަފާތު ވާނޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްރީލަންކާގެ ހޮސްޕިޓޭލިޓީ އިންޑަސްޓްރީގައި އިސްކޮށް އުޅުއްވާ ޝިރޮމަލް ކޫރޭ ވިދާޅުވީ މި ކޮންފަރެންސްއިން ކާމިޔާބު ކެރިއާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ އަންހެނުންނަށް އެތަކެއް ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މި ކޮންފަރެންސް މައިގަނޑު އަށް ސެޝަނަކަށް ބަހާލައިފައިވާ އިރު، މި ސެޝަންތަކުގައި އަންހެނުންގެ އިތުރުން ފިރިހެނުންނާ ގުޅޭ ޓޮޕިކްތަކަށްވެސް އަލިއަޅުވާލާނެއެވެ.

ކޮންފަރެންސްގެ ޓޮޕިކްތަކުގެ ތެރޭގައި ހިމެނެނީ:

  • ލިވް ވިތު އިންޓެންޓް: ދަ މެސީ ޖަރނީ އޮފް ވިމެންހުޑް
  • ޕޭރަންޓިން އިފް ދެއަރ ވޯސް އެން އެޕް
  • މީޓޫ އާ ވީ ސޭފް އެސް ވިމެން އިން ވޯރކް ޕްލޭސް
  • ސެކަންޑް ކެރިއަސް ފޯރ ވިމެން
  • ސަކްސެސްފުލް ވިމެން އިން ކޯޕަރޭޓް ލައިފް އަރ ސިންގަލް
  • 'މެން އިން ސޫޓްސް" ހައު ވީ ސީ ހަރ؟
  • ދަ މޭން ހޫ އިސް ނޮޓް ރައިޓް
  • ފައިންޑިން ޔުއަރ ވޭ އެން ޔުއަރ ވޮއިސް

ރާއްޖޭގެ ފަރާތުން ކޮންފެރެންސްގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7946684 އަށް ގުޅުއްވުމުން ނުވަތަ [email protected] އީމެއިލް އަށް މެއިލް ކޮށްލުމުން ލިބިގެންދާނެއެވެ.

ވިމެން އިން މެނޭޖްމަންޓަކީ އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. 2011 ވަނަ އަހަރު ސްރީލަންކާގައި އުފެދިގެންދިޔަ ވިމެން އިން މެނޭޖްމަންޓްގެ ދިވެހިރާއްޖޭގެ ޗެޕްޓަރ ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް ހުޚުވިގެންދިޔައީ ސެޕްޓެމްބަރ 2016ގައެވެ. އަދި ވިމްގެ ކެނެޑާ ޗެޕްޓަރު މިހާރު ހުޅުވާފައިވާ އިރު ވަރަށް އަވަހަށް ވިމް އޮސްޓްރޭލިޔާވެސް ހުޅުވަން ވަނީ ނިންމައިފައެވެ.

ވަން އޮންލައިނަކީ "ވިމެން ޓޮޕް 50" ކޮންފަރެންސްގެ މޯލްޑިވްސް މީޑިއާ ޕާޓްނަރެވެ.