މި ސަރުކާރަށް ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަމަށްވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންގެ ނުފޫޒުން ކެމިކަލް ރައްކާކުރާ ގުދަންތައް ބަދަލު ނުކުރެވޭނެ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް މި ސަރުކާރަށް ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަމަށްވުރެ މުހިންމު އެހެން ކަމެއް ނޯންނާނެ ކަމަށެވެ.
"ވަގުތުކޮޅެއް ނަގާނީ، އިރާދަކުރެއްވިއްޔާ ހައްލެއް ހޯދޭނެ" މި ސަރުކާރުން އެކަން ކުރާނެކަން ކަށަވަރުކޮށްދެމުން މަހުލޫފް އިތުރަށް ވިދާޅުވިއެވެ.
މާލޭ އަބަދަށް ފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ގޮވި ބާރުގަދަ ގޮވުންތަކާއެކު އިއްޔެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އަންނަ ހަފުތާގައި ސިފައިންނާ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ހުރިހާ ގުދަންތަކެއް ޗެކުކުރާނެ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި ހުރި ގުދަންތައް ޗެކްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށަން ނިންމިއިރު، މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނަކަށާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ތާށިވެ، ނުނިކުމެވުނު ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.