މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ވަރަށް އަވަހަށް ޓެލެތޯނެއް ބާއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޓެލެތޯންގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
އެގޮތުން މިހާރު ޓެލެތޯން ބޭއްވުމަށް ވާންޖެހޭ ގިނަ ތައްޔާރީތަކެއް ނިމިފައިވާ ކަމަށާއި މިހާރަށް ނުނިމި އޮތް މަސައްކަތަކީ ޓެލެތޯން މަސައްކަތައް ވަކި ހާއްސަ އެކައުންޓެއް ހުޅުވުމަށް މަސައްކަތް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
އަދި ޓެލެތޯނަށް ވަކި އެކައުންޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު އެކަން ފުރިހަމަ ކުރެވުނުހާ އަވަހަކަށް ޓެލެތޯން ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވެސް ހާދިސާއާ ގުޅިގެން ހުރި އެކި ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމުގައި ހިއްސާ ކުރައްވާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ އާދަމް ޝަރީފު ވިދާޅުވިއެވެ.