ރައްޔިތުންނަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން ކުށްވެރިކުރާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ރޭގެ ހާދިސާގައި އެތައް ބަޔަކު ހާލުގައި ޖެހުނުއިރު އެމީހުންނަށް ސަރުކާރުން ދޭންޖެހޭ އަހައްމިއްޔަތުކަން ކަށަވަރު ކުރުމަކީ ސަރުކާރު ޒިންމާއެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރައީސް ސޯލިހު ކުރައްވަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރޭ ހިނގިފަދަ އިތުރު ހާދިސާއެއް އަލުން ހިނގުމުގެ ކުރިން އަވަސް ފިޔަވަޅުތަކެއް އަޅައިގެން މައްސަލަތައް ހައްލު ކުރަންޖެހޭ ކަމަށެވެ.
''މިފަދަ ކަމެއްގައި ސަރުކާރުން ދޭންވީ އެންމެ މުހިއްމު ސަމާލުކަން ނުދޭކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން ރައީސް މިވަގުތު ރާއްޖެއިން ފުރާ ވަޑައިގަތުން. ސަބަބަކީ މިފަދަ މުހިއްމު ކަމެއް ދިމާވީމާ ރައްޔިތުންނަށް މުހިއްމު ވާނީކީ އދ. ގައި ތަގުރީރު ކުރެއްވުމެއް ނޫން. އެކަން ފަސް ކުރެއްވުމަށް ފަހު ވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ދިމާވި މި ނުރައްކާތެރި ހިތާމަވެރި ކަންތައްތަކާ، މިކަންކަމާއި ގުޅިގެން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށްޓަކާ، ރައްޔިތުންނަށް ވެރިކަމެއް ކުރައްވާ ބޭފުޅަކަށް މާމުހިއްމު ކަމެއް.'' އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރޭގެ ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގުކޮށް، ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި އެކަމުގައި ބައެއްގެ އިހުމާލު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި އަލިފާނުގެ ހާދިސާގެ އަސަރުކުރި އިމާރާތްތަކުން މީހުން ހުސްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ލައިވްކޮށް ވިދާޅުވި ފަހުން، އިމާރާތެއްގެ ތެރޭގައި މީހަކު ނިޔާވެފައިވާ އޮއްވާ ފެނުނު ހަބަރާ ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ، މައުލޫމާތު ސާފު ކުރަންޖެހޭ ވަރަށް ސާފު ނުކޮށް، ޑިފެންސް މިނިސްޓަރު މީޑިއާތަކަށް މައުލޫމާތު ދިނުމަކީވެސް އިހުމާލެއް ކަމަށެވެ.