ބާޒާރުމަތީގައި އެކަނިވެ، ހާލުގައިޖެހިފައި އިން މާބަނޑު އަންހެނެއްގެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ އަންހެން މީހާގެ މައްސަލަ ޖެންޑާގެ ސަމާލު ކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާ މެދުވެރުކޮށް ކަމަށެވެ. އަދި މި މައްސަލަ މިހާރު ޖެންޑާ އިން ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަނީ ބާޒާރު މަތީގައި ހުންނަ ފިހާރައެއްގެ ބޭރުގައި ޕެލެޓް ފޮށިގަނޑެއް މަތީގައި އިންނަ އަންހެނެކެވެ. ބުރުގާ އަޅައިގެން ރަތް ކުލައިގެ ހެދުމެއް ލައިގެން އޭނާ އިންނަނީ ވިއްސާރަ ކޯޓެއް ކަހަލަ އެއްޗެއް ބޯމަތީގައި އަޅައިގެންނެވެ.
އެ އަންހެން މީހާގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އޭނާގެ މައުލޫމާތު ހިއްސާކުރި މީހާ ބުނި ގޮތުގައި، ބާޒާރުމަތީ އެކަނި އެ އަންހެން މީހާ އިންނަތަން ފެންނަ ކަމަށެވެ. އަދި އޭނާ ބަނޑުގައި ރިއްސާތީ އުޅޭކަން ފާހަގަވާކަމަށާއި ޑޮކްޓަރަށް ދައްކަށް ދިއުމަށް އެދުމުން އައިޑީކާޑު ގެއްލިފައިވާ ވުމުން ހޮސްޕިޓަލަށް ނުގެންދެވުނު ކަމަށް މައުލޫމާތު ހިއްސާކުރި މީހާ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
އަންހެން މީހާގެ މައުލޫމާތު އިތުރަށް ހާމަކުރަމުން، އެކަން އާންމުންގެ ސަމާލުކަމަށް ގެނައި މީހާ ބުނީ، އެ އަންހެން މީހާ ނިދަނީ ވެސް މަސްވެރިންގެ ޕާކުގައި ކަމަށާއި ރަނގަޅަށް ނުކައި އުޅޭތާ ހަފްތާއެއް ވެދާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ފުލުހުންނާއި ގުޅިގެން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދޭ ކަމަށެވެ.
އެގޮތުން އެ އަންހެން މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ޖެންޑާއަށް އެންގުމަށް އެ މިނިސްޓްރީން އެދެއެވެ. އެގޮތުން ރަސްމީ ގަޑީގައިނަމަ 3328393 އަށް އަދި ނުރަސްމީ ގަޑީގައި ނަމަ 1412 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.