ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ކުލަ ހެދުމުގައި ސްކޫލަށް ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެޑިއުކޭޝަން މިިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ސްކޫލަށް ގޮސް ކިޔެވުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން ސްކޫލަށް ދަރިވަރު ދިއުމުން ކިޔަވާ ފޮތްތަކާއި ސްޓޭޝަނަރީސް ސްކޫލުން ލިބޭނެ ކަމަށެވެ.
އަދި ހާދިސާގެ ސަބަބުން ގެއްލުންވި އެއްވެސް ދަރިވަރަކާއި އެޑިއުކޭޝަން މިނިސްތްރީން ގުޅާފައި ނުވާނަމަ އެކަން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށް އަންގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވެއެވެ.
މީގެ އިތުރުން މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭގެ 9:00 އާ ހަމައަށް އެޑިއުކޭޝަނުން ވަނީ ޔުނިފޯމު ބޭނުންވާ ދަރިވަރުންނަށް ޔުނިފޯމް ވެސް ދޫކޮށްފައެވެ.
ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހިމެނޭ ސްކޫލްތައް މާދަމާ ހުޅުވާނެތޯ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަހަމުންގެންދާތީ، ''ވަން''އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސާ އަޒުދާ މުހައްމަދު ދީދީ ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ނޭޝަނަލް ޑިޒާސްޓާ މެޖޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހާދިސާ ހިނގި ސަރަހައްދުތަކުގެ ސްކޫލް ހުޅުވުމަށް ލަފާ ދީފައިވާ ކަމަށެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މަޖީދިއްޔާ ސްކޫލް ކުރިމައްޗަށް އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހުންނަ ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަނެއްގައެވެ. އެ ހާދިސާގެ ސަބަބުން ހަތަރު ގުދަނެއް އެއްކޮށް އަދާ ހުލުވިއިރު، އިތުރު ހަތް އިމާރާތަކަށް އަލިފާނުގެ އަސަރު ކޮށްފައިވެއެވެ. އަދި އަލިފާނުގެ އަސަރު ކުރި އެއް އިމާރާތުގެ ތެރޭގައި ނުނިކުމެވި ތާށިވި އަންހެނަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ.