ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މީހަކަށް ދައްކަން ޖެހޭ ދޮޅު ލައްކަ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސަފާރީއެއް ވިއްކާލުމުގެ މުއާމަލާތެއްގައި އިންޑިއާގެ ރައްޔިތަކަށް 150،000 ޑޮލަރު ދެއްކުމަށް ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ޑރ. އަލަކާ ސިންގް އިންވެސްޓުކުރި ''ބަރުތީލަ'' ކިޔާ ސަފާރީއެއް ވިއްކާލުމުގެ މުއާމަލާތު ހިންގި އިރު، އުޅަނދު ވިއްކާލާފައިވަނީ ނަޝީދުގެ ލަފާގެ ދަށުން ކަމަށްވާތީއާއި، އަދި ވިއްކާލުމުން ދައުވާކުރި ފަރާތުން އިންވެސްޓްކުރި ހަރަދުން މަދުވާ ފައިސާ ފޫބެއްދުމަކީ ނަޝީދުގެ ފަރާތުން ކުރަންޖެހޭނެ ކަމެއްކަން ޚުދު ނަޝީދުގެ ފަރާތުން ގަބޫލުކުރާ ކަމެއް ކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ސަފާރީ ވިއްކާލުމުގެ މުއާމަލާތުގައި ވެފައިވާ އެއްބަސްވުމާއި ގުޅިގެން ހުށަހަޅާފައިވާ އެ ދައުވާގައި ބުނެފައިވާ 150.000 ޑޮލަރު 15 ދުވަހުގެ ތެރޭގައި ޑރ. އަލަކާ ސިންގް އަށް ދައްކާ ޚަލާސްކުރުމަށް ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.