ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވެ ވިއްސާރަ ކުރަމުން އަންނައިރު މީޓިއޮރޮލޮޖީ ސެންޓަރުން ވެސް މޫސުން ގޯސްވާނެ ކަމަށް އަންގާފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރެއްވުމަށް އެދޭ ކަމަށެވެ.
އަދި ދަތުރުކުރާ އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ވަސީލަތްތައް އަދި ދިޔަ ހިއްކާ ޕަމްޕު ފަދަ ތަކެތި ހަމައަށް، ރަނގަޅަށް ހުރިތޯ ޗެކް ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.
އެމްއެންޑީއެފުން ބުނީ، މުދާ އުފުލާ އުޅަނދު ފަހަރުތަކުން ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބޮޑަށް ބަރުކޮށް މުދާ އުފުލައިގެން ދަތުރު ނުކުރުމަށާއި ޑައިވް ކުރުމާއި އެކި މޫދު ކުޅިވަރު ރާވާ ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެގޮތުން މިފަދަ މޫދު ހަރަކާތްތަކުގައި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާތެރިވެ، ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފައިވެއެވެ.
އަދި އެކި އުޅަނދު ފަހަރުތައް ފަޅުތަކުގަ އާއި ފަޅުތަކުގެ ބޭރުގައި އަޅާފައި އޮންނައިރު، އުޅަނދުތަކާއި ހަވާލުވާ ފަރާތްތަކުން އޮޑިދޯނި ފަހަރު ބެލެހެއްޓުމަށާއި މިފަދަ އޮޑިދޯނި ފަހަރު ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން އެދެއެވެ.
އެމްއެންޑީއެފުން ބުނީ، ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ، ވީހާވެސް އަވަހަކަށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.