ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީ ދޭން ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އިތޯރިޓީން ބުނެފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓާ މެނޭޖްމަންޓްގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުންނަށް ހަމަޖައްސަންޖެހޭ ކަންކަން އެ އޮތޯރިޓީ އިން މިހާރު ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.
ނަމަވެސް އެ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބައެއް ފަރާތްތަކުން ބޭނުންވާތީވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން މާދަމާ ފައިސާ ޖަމާކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
އެގޮތުން ފައިސާ ހަދިޔާ ކުރަން ބޭނުންވާ މީހުން މާދަމާ ބީއެމްއެލްއަށް ވަޑައިގެން ކަނޑައަޅާ އެކައުންޓަކަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށާއި އަދި އެ ފައިސާ ޑިޒާސްޓާ މެނޭޖްމަންޓް ފަންޑަށް ޖަމާވުމުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ހިސާން ވިދާޅުވި ގޮތުގައި، ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 173 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި އެ މީހުންނަށް ބޭނުންވާ ބޯހިޔާ ވަހިކަމާއި މިވަގުތަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން މިހާރު ފޯރުކޮށްދީފައިވާއިރު، އިތުރު ފަރާތްތަކުން މިހާރު ވެސް ކަލާފަނުގައި ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.