ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެމިކަލާ ބެހޭ ގަވައިދެއް ހަދާ، އަންނަ ހޯމަ ދުވަހު ގެޒެޓް ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ކެމިކަލް އެތެރެކޮށް ގުދަންކުރާ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ހެދި ދިރާސާއިން ބައެއް ކަންކަން ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުން މަނާކުރުމަށާއި ބޮޑެތި ކެމިކަލް ގުދުންތައް ހެދުމަށް ތިލަފުށި އަދި ގުޅީފަޅު ފަދަ ރަށްތަކުން ބޮޑެތި ކެމިކަލް ގުދަން ހަދަން ބިން ދިނުމާއި އެކަން ކުރުމަށް ހެދުމަށް މަގުފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމަށްޓަކައި އެންވަޔަމަންޓް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، ވެމްކޯ އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މިހާރުން މިހާރަށް ވެސް ވީހާވެސް އަވަހަކަށް ކެމިކަލް ގަވައިދު ގެޒެޓް ކުރުން ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކެމިކަލް ގުދަންކޮށް ގެންގުޅުމުގައި ކެމިކަލްއާ ގުޅުންހުރި ގަވައިދެއް މިހާތަނަށް ހެދިފައެއް ނެތެވެ.
އަދި މިދިޔަ ނޮވެމްބަރު މަހު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެފަދަ ގަވައިދެއް ހެދުމުގެ މަސައްކަތް ފެށި ކަމަށާއި އެގޮތުން އެފަދަ ގަވައިދެއް ތައްޔާރުކޮށް، ޑްރާފްޓްކޮށް، އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރަމުން ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ފުޅާ ދާއިރާއެއްގައި ހެދިފައި އޮތް ގަވައިދެއް މިއީ، މި ގަވައިދު އަޅުގަނޑުމެން އެންެމެ ލާސްޓް ޓަޗް ވެސް ކޮށްފައި. ﷲ އިރާދަކުރެއްވިއްޔާ މާދަން ނޫން އަނެއް ދުވަހު، މަންޑޭގައި އަޅުގަނޑުމެން ގެޒެޓް ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރެވޭނެ. ގަވައިދު އެކުލަވާލުމާ ގުޅިގެން ލިބޭނެ ގާނޫނީ ބޭސިސްއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ ގަވައިދުގައި ނުރައްކާތެރި ކެމިކަލްއަކީ ކޮބައިކަމާއި ނުރައްކާތެރި ކެމިކަލް އެތެރެކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަންކޮށް ބޭނުން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި ރައްކާތެރި ގޮތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ.
އަދި ކެމިކަލް އެތެރެކުރުމުގައި ހުއްދަ ދިނުމާއި ހުއްދަ ނުހޯދާ އެތެރެކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކާއި ނުރައްކާތެރި ކެމިކަލް އުފުލުމާއި ގުދުން ކުރުމުގެ އުސޫލްތަކާއި ހާދިސާއެއް ހިނގައިފިނަމަ ފުރަތަމަ އެހީ ހޯދުމާއި ސަލާމަތީ ފިޔަވަޅުތައް ހުންނަންޖެހޭނެ ގޮތްތައް ވެސް ހިމަނާފައިވާނެ ކަމަށެވެ.