މާލޭގައި ހުރި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަށް ޒޯން (ޖީއެމްއައިޒެޑް) އިން ގުދަން އެޅުމަށްފަހު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ވިދާޅުވެއްޖެއެވެ.
ހެންވޭރުގައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިބޫ ވިދާޅުވީ، ވިދާޅުވީ ތިލަފުށިން ގުދަންތަކަށް ބިން ދޫކުރުމަކީ އެކަމަކަށް އެ ކުންފުނިން ތައްޔާރު ވަމުންއައި ކަމެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ކުރިން ރާވާފައި އޮތްގޮތުން ތިލަފުށިން 200 ގުދަން ހެދުމަށް ބިން ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ރޭގެ ހާދިސާއާއެކު އެ ޕްރޮޖެކްޓް ވީހާވެސް އަވަސް އެކަން ކުރަންޖެހޭ ކަމަށާއި އެގޮތުން މިހާރު ވެސް ގުދަންތަކަށް ބިން ދޫކުރެވިދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
''ބިން ދޭން ވެއްޖެއްޔާ މާދަމާ ވެސް ބިން ހަވާލު ކުރާ ގޮތަށް އެހެން ހުރިހާ މަސައްކަތްތައް ކުރާ ސަރަހައްދާ ދުރު ވަކި ޕްލޮޓެއް ވަނީ ލިބިފަ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވީ، އެގޮތަށް ބިން ދޫކޮށްލައިފިނަމަ، ފެންވަރެއް ނެތި، ބެލެހެއްޓޭނެ ގޮތެއް ނެތި، އެކި މީހުން އެކި ގޮތަށް، ސަލާމަތީ ކަންކަން ވަރުގަދަ ނުކޮށް، ގުދަންތައް ހަދައިގެން އެގޮތަށް ކުރިއަށް ގެންގޮސްދާނެ ކަމަށްޓަކައި އަޅުގަނޑުމެންގެ ކުންފުނިން، ގުދަން ހަދާ ނިންމުމަށް ފަހު ސަލާމަތީ ފިޔަވަޅުތައް ހިމެނޭ ގޮތަށް ގުދަންތައް ނިންމުމަށްފަހު ހަވާލު ކުރުމަށް.'' ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު އިބޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނިން ތިލަފުށީގައި ގުދަންތައް ގާއިމް ކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ގުދަންތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އަދި މަދު ހަފްތާ ތަކެއްގެ ތެރޭ އެކަމުގެ އަމަލީ މަސައްކަތް ފަށައި، މަދު މަސްތަކެއްގެ ތެރޭ އެ ގުދަންތަކުގެ މަސައްކަތް ނިންމައި، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މިހާރު ވެސް ލަސްނުކޮށް ވީހާވެސް އަވަހަކަށް ބަދަލުކުރަންޖެހޭ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިބޫ ވިދާޅުވިއެވެ.
ރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށާއި އިތުރު ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ތާށިވެ، ނުނިކުމެވުނު ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ. އޭނާގެ ކަށު ނަމާދު ކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.