ޚަބަރު

މާލޭގައި 126 ކެމިކަލް ގުދަނެއް، 82 ގުދަން ހުރީ މީހުން ދިރިއުޅޭ ގެތަކުގައި

1

ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ގިނަ ކެމިކަލްތައް ގުދަންކޮށްފައި ހުރީ މާލޭގައި ކަމަށާއި އެގޮތުން އެފަދަ 126 ކެމިކަލް ގުދަނެއް އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، މާލޭގައި ކެމިކަލް ގުދަންތައް ހުރުމުން ރައްޔިތުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރާ ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ކެމިކަލް އެތެރެކުރާ ކުންފުނިތަކާ ވާހަކަދައްކައިގެން ދިރާސާއެއް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ދިރާސާއިން މާލޭގައި 126 ކެމިކަލް ގުދަން ހުރިކަން ފާހަގަވިއިރު، އޭގެ ތެރެއިން އޭގެތެރެއިން 83 ގުދަންނަކީ މީހުން ދިރިއުޅޭ ގެތަކުގައި ހަދާފައިހުރި ގުދަން ކަމަށާއި 98 ގުދަން ހުރީ މީހުން ދިރިއުޅޭ އިމާރާތްތަކާ އިންވެގެން ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، ކެމިކަލް އެތެރެކޮށް ގުދަންކުރާ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ހެދި ދިރާސާއިން ބައެއް ކަންކަން ކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުން މަނާކުރުމަށާއި ބޮޑެތި ކެމިކަލް ގުދުންތައް ހެދުމަށް ތިލަފުށި އަދި ގުޅީފަޅު ފަދަ ރަށްތަކުން ބޮޑެތި ކެމިކަލް ގުދަން ހަދަން ބިން ދިނުމާއި އެކަން ކުރުމަށް ހެދުމަށް މަގުފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމަށްޓަކައި އެންވަޔަމަންޓް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، ވެމްކޯ އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މިހާރުން މިހާރަށް ވެސް ވީހާވެސް އަވަހަކަށް ކެމިކަލް ގަވައިދު ގެޒެޓް ކުރުން ހިމެނޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކެމިކަލް ގުދަންކޮށް ގެންގުޅުމުގައި ކެމިކަލްއާ ގުޅުންހުރި ގަވައިދެއް މިހާތަނަށް ހެދިފައެއް ނެތް ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރު މަހު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެފަދަ ގަވައިދެއް ހެދުމުގެ މަސައްކަތް ފެށި ކަމަށާއި އެގޮތުން އެފަދަ ގަވައިދެއް ތައްޔާރުކޮށް، ޑްރާފްޓްކޮށް، އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރަމުން ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގީ މާލޭގެ އަބަދަށްފެހި މަގުގައި ހުންނަ ހ. އަލިފުށި ގޭގެ ތިރީގައި ހުރި ކެމިކަލް ރައްކާކޮށްފައިހުރި ގުދަނެއްގައި ރޯވެ ހުޅުގަނޑު ފެތުރިގެންނެވެ. ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، އަލިފާނުގެ ސަބަބުން ހަ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟