މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފިއެވެ.
އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއެކު މިއަދު ބޭއްވި ބައްދުލުވުމުގައެވެ.
ރައީސް އޮފީހުން ބުނީ މުލީއާގޭގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުންގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައިވާ ކަމަށާއި މިގޮތުން މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމްއެންޑީއެފްގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ގަވައިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވައިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުހަލާގައި ވާކަންވެސް އެމްއެންޑީއެފުން އެ ބައްދަލުވުމުގައި ފާހަގަކުރިއެވެ. އަދި އެ ގަވައިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް އަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް މަޝްވަރާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ވަނީ ރޭގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުން ފިލުއްވައި އެމީހުންގެ ނިދުމާއި ކެއިންބުއިމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފައެވެ. އެގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައިވެއެވެ.
ރޭގެ ހާދިސާއާ ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހު ކަމަށްވެސް އެސެންޓަރުން ބުނެފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.