ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ގައުމުތަކާއި، ބައިނަލްއަގުވަމީ ޖަމުއިއްޔާ އަދި ޖަމާއަތްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަގުރީރަކަށް ކަމަށް ބުނެފައިވެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އ.ދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ވެރިންނާއި އ.ދ.ގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.
އ.ދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ގައެވެ.
މީގެ އިތުރުން، މިއަދަކީ ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރަކަށް ވެފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.