އަލިފާނުގެ ހާދިސާ

ޝައުނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ތ. ބުރުނީ ފެންފިޔާޒުގެ، އައިޝަތު ޝައުނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ޖަނާޒާގެ ކަންކަން ކުރިއަށް ދިޔަ އިރު، މޫނު ބެލުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ދިޔައެވެ. ނަމަވެސް ޝައުނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާތީ މޫނު ދެއްކުމަށް އާއިލާއިން ބޭނުންވީ، ދަރިންނަށާއި އާއިލާގެ މީހުންނަށް އެކަންޏެވެ.

މެންދުރު ނަމާދުގެ ފަހުގައި އިސްލާމީ މަރުކަޒުގައި ކުރި ކަށު ނަމާދުގައި އެތައް ބަޔަކު ބައިވެރިވެފައިވެއެވެ.

ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ތިލަފުށީ ގޭ ކުރިމަތީގައި ހުރި ހ. ރަނދުވާގެއަށެވެ. މިއީ ޝައުނާ ދިރިއުޅުނު ގެއެވެ.

އެ ހާދިސާ ހިނގި ވަގުތު ގޭތެރޭގައި ހަ މީހަކު ތިއްބެވެ. ސިފައިންނާއި ފުލުހުންނާ އާންމުންގެ އެހީއާއެކު އެގެއިން ފަސް މީހަކު ސަލާމަތް ކުރި އިރު، ޝައުނާއަށް ވަނީ އެގެއިން ނުކުމެވޭ ގޮތް ނުވެފައެވެ.

އަދި ހަ ފަހަރެއްގެ މަތިން ސިފައިން އެގެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އަލިފާންގަނޑު މުޅި ގެއަށް ފެތުރިފައިވާތީ ސިފައިންނަށް ވެސް އެތަނަށް އެވަގުތު ނުވަދެވި، އެންމެ ފަހުން ޝައުނާއަށް އަލިފާނުން ސަލާމަތް ނުވެވުނީއެވެ.

އަލިފާނުގެ ސަބަބުން ގޭގެ ދޮރު ބަންދުވެ، ނުކުމެވޭ ގޮތް ނުވުމުން އޭނާގެ ބޭބެއަށް ގުޅައިގެން ހުރެ އެންމެ ފަހު ޖުމްލައެއްގެ ގޮތުގައި ޝައުނާ ބުނެފައިވަނީ އަލިފާންގަނޑު ރޯވެފައިވާލެއް ބޮޑުކަމުން އޭނާއަށް އެތަނުން ނިކުމެވެން ނެތް ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

އުމުރުން 46 އަހަރުގެ ޝައުނާ އަކީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން ޑިގްރީ ހާސިލުކޮށް، އޭނާއަށް ލިބިފައިވާ އިލްމު އެހެން މީހުންނަށް އުނގަންނައިދިނުމުގައި މަސައްކަތް ކުރި މީހެކެވެ. ޝައުނާ ނިޔާވި އިރު ދެ ފިރިހެން ދަރިން އެބަ ތިއްބެވެ.