ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މާލޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭ ހެންވޭރުގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އާއިޝަތު ޝައުނާ ނިޔާވި ހަބަރު އެމަނަިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުނި ފެންފިޔާޒުގެ، އައިޝަތު ޝައުނާ 46އ. އެވެ.

ޝައުނާގެ އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި ހަށިގަނޑުގެ ބޮޑު ބައެއް އަނދާފައިވުމުގެ ސަބަބުން ޝައުނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޭނާގެ ދަރިންނަށާއި އާއިލާގެ މެމްބަރުން އަދި ގާތްތިމާގެ މީހުންނަށެވެ. މޫނު ދެއްކުން އޮތީ މިއަދު 10:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ރޭ އަލިފާން ރޯވެގެން އިތުރު ގެތަކަށް ފެތުރުނު ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ.