އަށާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެއިން ޕޮއިންޓެއް ހޯދައިފިއެވެ.
ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގެ ކުރީކޮޅު ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނޭޕާލްގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން ޗޯޓު ފޮނުވާލި ހަމަލާ، ނޭޕާލްގެ ކީޕަރު ބިޝާރް ސުމަރް ވަނީ ފަސޭހަކަމާއެކު ހޯދައިފައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރާއްޖެއިން ވަނީ ލީޑު ހޯދައިފައެވެ. ރާއްޖެއަށް އެ ޕެނަލްޓީ ލިބުނީ ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗޯޓުއަށް ރޯޝަން ޑަންގް ކުރި ފައުލަކާ ގުޅިގެންނެވެ. ރާއްޖެއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ޗޯޓުއެވެ.
ރާއްޖޭގެ ލަނޑަށް ފަހު ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ނޭޕާލްގެ ކެޕްޓަން ޖަޔާ ގުރުންގް އާއި މެޗުގެ 19 ވަނަ މިނެޓުގައި ބިރްޖޭޝް ޗޯދަރީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖަޔާ ގުރުންގް ފޮނުވާލި ހަމަލާ ރާއްޖޭގެ ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމް ދިފާއުކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ބިރްޖޭޝް ޗޯދަރީ ފޮނުވާލި ހަމަލާ ރާއްޖޭގެ ޑިފެންޑަރު ހަމްދޫން އަބްދުލް ލަތީފް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ނޭޕާލަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ރޯޝަން ރަނާ މަގަރް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ނިތިން ތަފާ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު އަލީފް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އޭގެ ފަހުން ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ނޭޕާލަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ނިތިން ތަޕާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސްދަނޑިއަށެވެ.
ނޭޕާލުން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އަންޖަލް މަހަރްޖަން ނަގައިދިން ހުރަހަކުން ނޭޕާލަށް ނަތީޖާ ހަމަހަމަކޮށްދިނީ މަނީޝް ޑަންގީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
އިއްޔެ އިން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އޮތީ ނޭޕާލާއި ބޫޓާނާއެކު "ގްރޫޕު އޭ" ގައެވެ. "ގްރޫޕު ބީ"ގައި ހިމެނެނީ ބަންގުލަދޭޝް އާއި އިންޑިއާ އަދި ސްރީލަންކާއެވެ.