މިރޭ މާލޭގައި ހިނގިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށްފަހު، މީޑިޔާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި އެ މީހުންގެ ހާލު ބައްލަވާލައްވާފައެވެ. އަދި، މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބި މީހުންގެ ހާލު އެމަނިކުފާނު ވަނީ ބައްލަވާ ލައްވާފައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ގެތަކަކާ، އަދި ގުދަންތަކެއްގައެވެ. މި ހާދިސާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި، އަމިއްލަ ޖަމުއިއްޔާ އަދި ޖަމާއަތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ހާމަކުރައްވަމުން، ނުރައްކާތެރި ކެމިކަލް ފަދަ ތަކެތި ރައްކާކުރާ ގުދަންތައް، އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރަށް ބަދަލުކުރަން ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުގެ ހާލަތު ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތައް މި ވަގުތު ތިބި ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، އެ މީހުންގެ ހާލު ބައްލަވާލައްވާފައެވެ. މިކަމާ ގުޅޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.