އަލިފާނުގެ ހާދިސާގައި ނިޔާވި އާއިޝަތު ޝައުނާގެ ކަށު ނަމާދު މާދަމާ މެންދުރު ނަމާދަށް ފަހު ކުރުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޝައުނާގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
ޝައުނާގެ އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި ހަށިގަނޑުގެ ބޮޑު ބައެއް އަނދާފައިވުމުގެ ސަބަބުން ޝައުނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޭނާގެ ދަރިންނަށާއި އާއިލާގެ މެމްބަރުން އަދި ގާތްތިމާގެ މީހުންނަށެވެ. އަދި ޝައުނާގެ ހަށިގަނޑު މިރޭ މޯޗަރީއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މިރޭގެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައި އޮއްވައި ފެނުނީ ޝައުނާގެ ހަށިގަނޑު ކަމެއް ކަމާ ބެހޭ ފަރާތްތަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ. ނަމަވެސް އެއީ ޝައުނާގެ ހަށިގަނޑުކަން އާއިލާއިން ކަށަވަރުކޮށްދެއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ ހަށިގަނޑަކީ ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީން ނުވާ ކަމަށާއި ނަމަވެސް މީހަކު ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކުރީ އެންމެ އާއިލާއަކުން ކަމަށެވެ.
"ވަރަށް ބޮޑަށް ފިހިފައި. އެހެންވީމާ ވަކި ކުރާކަށް ވެސް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެންނަށް ދެނެގަންނަން ވެސް އުނދަގޫވި. ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީނެއް ނުވޭ. އެ އާއިލާއިން އެކަނި އަޅުގަނޑުމެންނަށް މީހަކު އެތެރޭގައި ވީކަމަށް ރިޕޯޓުކުރީ،" އޭނާ ވިދާޅުވިއެވެ.
ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ އިމާރާތުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނޭތޯ ހައެއްކަ ފަހަރު ބެލިފައިވާނެ ކަމަށާއި ވަރަށް ބައިވަރު އެއްޗެހިތަކަކާއެކު ދުންގަނޑަކަށް ވެފައިވުމުގެ ސަބަބުން ހަށިގަނޑު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި ހަށިގަނޑު ފެނުނީ ބޮޑު ރިސްކަކާއެކު ވަރަށް ރަނގަޅަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިރޭ އަލިފާން ރޯވެގެން އިތުރު ގެތަކަށް ފެރުނު ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ގުދަނަކީ، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ.