އަލިފާނުގެ ހާދިސާ

ޝައުނާގެ ޖަނާޒާ އާސަހަރާގައި

ހެންވޭރުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އާއިޝަތު ޝައުނާގެ ޖަނާޒާ އާސަހަރާގައި ފަށައިފިއެވެ.

ޝައުނާގެ ޖަނާޒާ ފެށުމާއެކު ގިނަ ބަޔަކު ވަނީ އާސަހަރާއަށް ގޮސް، ޖަނާޒާގައި ބައިވެރިވާން ފަށައިފައެވެ.

ޝައުނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ ބައެއް އިސްވެރިން ވެސް އާސަހަރާއަށް ވަޑައިގެންނެވިއެވެ.

މިރޭގެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައި އޮއްވައި ފެނުނީ ޝައުނާގެ ހަށިގަނޑު ކަމެއް ކަމާ ބެހޭ ފަރާތްތަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ. ނަމަވެސް އެއީ ޝައުނާގެ ހަށިގަނޑުކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ ހަށިގަނޑަކީ ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީން ނުވާ ކަމަށާއި ނަމަވެސް މީހަކު ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކުރީ އެންމެ އާއިލާއަކުން ކަމަށެވެ.

"ވަރަށް ބޮޑަށް ފިހިފައި. އެހެންވީމާ ވަކި ކުރާކަށް ވެސް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެންނަށް ދެނެގަންނަން ވެސް އުނދަގޫވި. ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީނެއް ނުވޭ. އެ އާއިލާއިން އެކަނި އަޅުގަނޑުމެންނަށް މީހަކު އެތެރޭގައި ވީކަމަށް ރިޕޯޓުކުރީ،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ އިމާރާތުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނޭތޯ ހައެއްކަ ފަހަރު ބެލިފައިވާނެ ކަމަށާއި ވަރަށް ބައިވަރު އެއްޗެހިތަކަކާއެކު ދުންގަނޑަކަށް ވެފައިވުމުގެ ސަބަބުން ހަށިގަނޑު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި ހަށިގަނޑު ފެނުނީ ބޮޑު ރިސްކަކާއެކު ވަރަށް ރަނގަޅަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.