ދިވާލީގެ މަރުހަބާ ދިވެހީން ކިޔުން އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވި އިރު، ރާއްޖޭގެ މަޝްހޫރު ބައެއް ސިޔާސީ ބޭފުޅުން ވަނީ އިއްޔެ އިންޑިއާގައި ފާހަގަކުރަމުން ދިޔަ ދިވާލީ ގެ މުނާސަބާގައި އިންޑިއާގެ ރައްޔިތުންނަށް މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޝެއިޚް ޒައިދުގެ ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވާލީ އަކީ ހިންދީ ދީނާ ގުޅިފައިވާ އަޅުކަމެއްގެ ގޮތުގައި އެމީހުން ފާހަގަކުރާ އީދެއް ކަމަށެވެ.
"ވީމާ މި ކަމުގައި އެއްވެސް މުސްލިމެއް ބައިވެރިވުން ނުވަތަ މަރުހަބާ ކިޔުމަކީ އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫން ކަމުގައި ދަންނަވައިލަމެވެ." ޝެއިޚް ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.