އަލިފާނުގެ ހާދިސާ

"ރޯވެފައިވަނީ ހަތަރު ގުދަނަކާއި ހަ ގެއެއްގައި، މަސައްކަތް ފެށި އިރުވެސް އެތަންތަނުގައި ހުރީ އަލިފާން ހިފާފައި"

އެމްއެންޑީއެފް އިން އަލިފާން ނިއްވަން ފެށި އިރު، ރޯވެފައިވާ ގެތައް ފިޔަވައި އެހެން ގެތަކެއްގައި ރޯވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ މިރޭ އަލިފާން ރޯވެފައިވަނީ ހަތަރު ކެމިކަލް ގުދަނަކާއި ހަ ގައެއްގައި ކަމަށެވެ. ފުރަތަމަ އަލިފާން ރޯވެފައިވަނީ ހ. ތިލަފުށި ގޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

"މިއަދު ވެސް އަޅުގަނޑުމެން މަސައްކަތް ކުރި ގޮތަށް، މަސައްކަތް ނުކުރެވުނު ނަމަ، ވަރަށް ގިނަ ގެތަކަށް އަލިފާން ފެތުރިގެންދިޔައީސް. އަޅުގަނޑުމެން އައި އިރު، ރޯވެފައި ހުރި ގެތައް ފިޔަވައި އިތުރު އެއްވެސް ގެއެއްގައި ރޯވެފައެއް ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ ވަރަށް ގިނަ ސައިކަލުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ފަޔާ ވެހިކަލްތަކަށް ނުވަދެވިގެން ވަރަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށާއި އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުފެށުނު ކަމަށެވެ.

"މި އަލިފާން ފެށިގެން އައި ކަމަށް މި ބެލެވެނީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ވަރަށް ބާރުގަދަ ގޮވުމަކާއެކު ކުރިމަތީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، ވަރަށް ބާރު ސްޕީޑެއްގައި އަލިފާން ރޯވެގެން ގޮސް، އެގޭގެ މީހުން ނުކުންނަން އޮތް ދޮރު ބަންދުވުމާ ގުޅިގެން އެގޭގެ މީހުންނަށް ނުނުކުމެވި ވަރަށް ބޮޑަށް މީހުން ތާށިވެފައި ތިބީ އެތެރޭގައި. ވަރަށް ބޮޑު ރިސްކެއް ނަންގަވާފައި އަޅުގަނޑުމެންގެ ފަޔާމަނުން ވަދެވެން ހުރި ތަންތަނަށް ވަންނަމުން މީހުން ސަލާމަތްކުރަމުން ގެންދިޔައީ. އެގޮތުން ފުރަތަމަ ބުރުގައި ތިން މީހަކު ނެރެ ހޮސްޕިޓަލަށް ފޮނުވުނު. އަދި ފަހުން ދެ މީހަކު ނެރެ ހޮސްޕިޓަލަށް ފޮނުވުނު،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ގިނަ ޔުނިޓުތަކެއްގެ ސިފައިންގެ އިތުރުން ފުލުހުންނާއި މޯލްޑިވިއަން ރެޑްކްރެސެންޓާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އަލިފާނާ ބެހޭ އެއްޗެހި އެތެރެކުރާ އަމިއްލަ ކުންފުނިތައް އަދި ގިނަ އާންމުން ވެސް ބައިވެރިވި ކަމަށާއި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ 12 ވެހިކަލްގެ އިތުރުން އެމްއޭސީއެލްގެ ވެހިކަލެއް ވެސް ހަރަކާތްތެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަންހެނަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާގައި ނިޔާވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އާއިޝަތު ޝައުނާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެއީ ޝައުނާގެ ހަށިގަނޑުކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.