އަލިފާނުގެ ހާދިސާ

"ވަރަށް ބޮޑަށް ފިހިފައި އޮތުމުން ކާކުގެ ހަށިގަނޑެއް ކަމެއް އަދި ނޭނގޭ، ރިޕޯޓުކުރީ ހަމައެކަނި ޝައުނާގެ އާއިލާއިން"

ހ. ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ވިހިފައި އޮތުމުގެ ސަބަބުން އެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ޝައުނާގެ ހަށިގަނޑުކަން ކަށަވަރުކުރަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ ހަށިގަނޑަކީ ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީން ނުވާ ކަމަށާއި ނަމަވެސް މީހަކު ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކުރީ އެންމެ އާއިލާއަކުން ކަމަށެވެ.

"ވަރަށް ބޮޑަށް ފިހިފައި. އެހެންވީމާ ވަކި ކުރާކަށް ވެސް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެންނަށް ދެނެގަންނަން ވެސް އުނދަގޫވި. ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީނެއް ނުވޭ. އެ އާއިލާއިން އެކަނި އަޅުގަނޑުމެންނަށް މީހަކު އެތެރޭގައި ވީކަމަށް ރިޕޯޓުކުރީ،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ އިމާރާތުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނޭތޯ ހައެއްކަ ފަހަރު ބެލިފައިވާނެ ކަމަށާއި ވަރަށް ބައިވަރު އެއްޗެހިތަކަކާއެކު ދުންގަނޑަކަށް ވެފައިވުމުގެ ސަބަބުން ހަށިގަނޑު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި ހަށިގަނޑު ފެނުނީ ބޮޑު ރިސްކަކާއެކު ވަރަށް ރަނގަޅަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ރަނގަޅަށް ބަލައިގެން އަޅުގަނޑުމެންނަށް ހަށިގަނޑު ފެނުނީ. އެ ހަށިގަނޑު ފެނުނީ އެންމެ ބޮޑަށް އަލިފާން ރޯވި ކެމިކަލް ގުދަނުގެ ކުރިމަތީގައި ހުރި އުސް އިމާރާތް،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އަލިފާން ރޯވި ހުރިހާ ގެއެއް ވެސް މިހާރު ބަލާފައިވާނެ ކަމަށާއި އެ ގެތަކުން އިތުރު މީހަކު ފެނިފައި ނުވާ ކަމަށެވެ.