ޚަބަރު

ގެއްލުމެއް ލިބިފައިވާ މީހާކު ވާނަމަ ވީހާ އަވަހަކަށް އެހީ ހޯދުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އިބްރާހިމް ޒަކީ

ހަތް ގެއެއްގައި ރޯވެގެން މިރޭ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި، ކިރިޔާވެސް ގެއްލުމެއް ލިބިފައިވާ ފަރާތެއްވާނަމަ ވީހާވެސް އަވަހަކަށް ކަމާބެހޭ އިދާރާތަކުން އެހީ ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރއްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިރޭ އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެންނެވުމަށްފަހު، މީޑިޔާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ކިރިޔާވެސް މިހާދިސާއިން ގެއްލުމެއް ލިބިފައިވާ ފަރާތެއްވާނަމަ ވީހާވެސް އަވަހަކަށް ކަމާބެހޭ އިދާރާތަކުން އެހީ ހޯދުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިރޭގެ ވަގުތެއްގައި ކެބިނޭޓާ ބައްދަލުކުރައްވައި މިކަން ކުރިޔަށް ގެންގޮސް، އެ ގެއްލުމުން އަވަހަށް ސަލާމަތް ވެވޭނެ ގޮތެއް ހޯއްދަވައި، ކުރިޔަށް އޮތްތާގައި މިފަދަ ހާދިސާއަކުން ރައްކާތެރިވެ، މިކަހަލަ ކަމެއްވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަ ފުޅުގައި، އަލިފާން ނިއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ވަރަށް ދެރަކޮށް ހިނގި ހާދިސާއެއް ކަމަށާއި ސަރުކާރުގެ ހުރިހާ މުއައްސަސާއަކުންނާއި ހުރިހާ މިނިސްޓްރީތަކުން މިކަމުގައި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން ބައިތިއްބާފައިތިބި ކަލާފާނު ސްކޫލަށްވެސް ރައީސް ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދަށާއި، ކަލާފާނު ސްކޫލަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ވަނީ ޒިޔާރަތްކުރައްވައި އެ ސަރަހައްދުތައް ބައްލަވާލައްވައިފައެވެ.