ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އާނިފާ ހުސެއިން ސިރާޖް

ހެންވޭރު ފެހިއާބާދުގޭގައި މިރޭ އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިރޭ ކެބިނެޓް ބައްދަލުވުމެއް ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މައުލޫމާތު އޮޅުން ފިލުއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާދިސާއާ ގުޅިގެން މިރޭ ކެބިނެޓް ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.

މި ބައްދަލުވުން ބާއްވަވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުން ބުނީ އަލިފާންރޯވި ހ. ފެހިއާބާދުގޭގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:25ގައި ކަމަށެވެ. އެ ގޭގައި ރޯވި އަލިފާންގަޑު އެ ހިސާބަށް ފެތުރި އެހެން ބައެއް ގޭގޭގައިވެސް ރޮވިއެވެ. އެމްއެންޑީއެފުން ބުނީ ރޯވި އަލިފާންގަނޑުގެ ބޮޑުބައި މިހާރު ކޮންޓުރޯލް ކުރެވިފައި ވާކަމަށެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތް ގެއެއްގައި އަލިފާން ރޯވެފައިވާއިރު، ހާލުގައި ޖެހުނު 100 މީހުން، މިހާރު ވަގުތީ ހިޔާއެއްގެ ގޮތުން ކަލާފާނު ސުކޫލަށް ބަދަލުކޮށް ބޭނުންވާ ތަކެތި ވަނީ ފޯރުކޮށްދީފައި ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އަދިވެސް 49 އަހަރުގެ އަންހެނެއް ނުފެނިގެން ހޯދަމުން އަންނަ ކަމަށާއި އެ ނޫން އެންމެން ވަނީ ސަލާމަތް ކުރެވިފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެންމެންނަށް ރައީސް މުހައްމަދު ސާލިހް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.