ޚަބަރު

ހާލުގައި ޖެހުނު ފަރާތްތަކަށް ތަކެތި ހަދިޔާކޮށްދެއްވާ: އެޑިއުކޭޝަން މިނިސްޓަރ

އާނިފާ ހުސެއިން ސިރާޖް

މިރޭ ހެންވޭރު ފެހިއާބާދުގައި އަލިފާން ރޯވެ އެހިސާބުގެ ބައެއް އެހެން ގެތަކަށް އަލިފާންގަޑު ފެތުރުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީއެތެރިކަން ފޯރުކޮށްދިނުމަށް، އަންނައުނު ފަދަ ޒަރޫރީ ބޭނުންތައް ފުއްދޭނެ ތަކެތި ހަދިޔާކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި، ވިދާޅުވެފައިވަނީ ބޭނުން ނުކޮށް އިތުރުވެފައި، އަންނައުނު، ފައިވާން ނުވަތަ ކުޑަކުދިން ކުޅޭ ސާމާނު ހުރި ނަމަ އެތަކެތި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހި، ކަލާފާނު ސުކޫލަށް ބަދަލުކޮށްފައިވާ ފަރާތްތަކަށް ހަދިޔާކޮށްދިނުމަށާއި، އެމީހުންނަށް އެހީވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެމީހުނަށް އެހީވުމަށް އިލްތިމާސްކުރައްވައި، މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހުނު ބައެއް މީހުންގެ ހުރިހާ އެއްޗެއް ގެއްލި ފައިވާ ކަމަށެވެ.

އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުން ވަގުތީގޮތުން ކަލާފާނު ސުކޫލަށް ބަދަލުކުރަމުން ގެންދާކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެފައިވާއިރު، އެ ފަރާތްތަކަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ކަލާފާނުގެ ސްކޫލްގެ ބުރުޒުމަގާ ދިމާ ގޭޓުން ވަނުމަށް ރެޑްކުރެސެންޓުން އެދިފައިވާކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނީ އަލިފާންރޯވި ހ. ފެހިއާބާދުގޭގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:25ގައި ކަމަށެވެ. އަދި އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެހިސާބު އެހެންގެ ތަކުގައި ރޯވި އަލިފާންވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ދުމުގެ އަސަރު ކުރާ ހިސާބަށް އާންމު ފަރާތްތަކުން ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައެވެ.