ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެންމެންނަށް ރައީސްގެ ތައުޒިޔާ

އާނިފާ ހުސެއިން ސިރާޖް

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ހ. ފެހިއާބާދުގޭގައި ރޯވި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެންމެންނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދަޅުވެއްޖެއެވެ.

މިރޭ 7:25ން ފެށިގެން ރޯވެގެން އަނދަމުންދާ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަލިފާނުގެ ހާދިސާގެ އަސަރުކޮށް ގެއްލުން ލިބުނު އެންމެންނަށް ތައުޒިޔާ ވިދާޅުވާ ކަމަށާއި އަލިފާން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަދި އެމަޖެންސީ އޮޕަރޭޝަން ޓީމުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށާއި އެހީ ބޭނުންވާ ފަރާތްތަކަށް އެހީވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުން ބުނީ އަލިފާން ރޯވެފައިވަނީ ހ. ފެހިއާބާދުގޭގައި ކަމަށާއި އެތަނުގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:25ގައި ކަމަށެވެ. އަދި އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާގައި އެ ގޭގެ ކައިރީގައި ހުރި ބައެއް ވެހިކަލްތަކުގައި ވެސް ވަނީ ރޯވެފައެވެ. އަދި ބައެއް ގޭގޭގައިވެސް ރޯވިއެވެ.

މިހާދިސާގައި އެ ހިސާބުގައި ދުން ބޯވެފައިވާތީ، ދުމުގެ އަސަރު ކުރާ ހިސާބަށް އާންމު ރައްޔިތުން ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސް ކުރައްވާފައިވާއިރު، އަލިފާނުގެ ހާދިސާއިން ދުމުގެ އަސަރުކޮށްގެން ބައެއް މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން އެމްއެންޑީއެފް ފަޔާ ޓީމުގެ މެމްބަރަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ވަގުތީގޮތުން ކަލާފާނު ސުކޫލަށް ބަދަލުކުރަމުން ކަމަށް ނޭޝަނަލް ޑިސާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތުދެއެވެ.