ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ހ. ފެހިއާބާދުގޭގައި އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމު ފަރާތްތަކުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެ ސަރަހައްދުން އަރަމުންދާ ދުމުން ރައްކާތެރިވުމަށްޓަކައި، ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކޮށް އެޗްޕީއޭ އިން ބުނީ ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައިވެސް، ގޭތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން ވަރަށް މުހިއްމު ކަމުގައެވެ.
ހާއްސަކޮށް ނޭވައިލާ ނިޒާމުގެ ބަލިތަށް ހުންނަ ފަރާތްތަކާއި، ހިތުގެ ބަލިތަށް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެ ކަމަށްވެސް އެޗްޕީއޭއިން ވަަނީ ބުނެފައެވެ.
ދުމުގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ކެއްސުން، ލޯ ރަތްވެ ފެން އައުން، ނޭވާލާން އުނދަގޫވުން އަދި އަޑު ދިއުން ހިމެނޭކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
އަލިފާނުގެ ހާދިސާއިން ދުމުގެ އަސަރުކޮށްގެން ބައެއް މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އޭގެ އިތުރުން އެމްއެންޑީއެފް ފަޔާ ޓީމުގެ މެމްބަރަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހަ ވަރަކަށް މީހުން މިހާތަނަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭޑީކޭ އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ.
ފުލުހުން ބުނީ އަލިފާން ރޯވެފައިވަނީ ހ. ފެހިއާބާދުގޭގައި ކަމަށާއި އެތަނުގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:25ގައި ކަމަށެވެ. އަދި އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މި ހާދިސާގައި އެ ގޭގެ ކައިރީގައި ހުރި ބައެއް ވެހިކަލްތަކުގައި ވެސް ވަނީ ރޯވެފައެވެ. އަދި ބައެއް ގޭގޭގައިވެސް ރޯވިއެވެ.