އެ ގަވައިދުގައި ނުރައްކާތެރި ކެމިކަލްއަކީ ކޮބައިކަމާއި ނުރައްކާތެރި ކެމިކަލް އެތެރެކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަންކޮށް ބޭނުން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި ރައްކާތެރި ގޮތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި
އަދި ވިދާޅުވީ، ކެމިކަލް އެތެރެކުރުމުގައި ހުއްދަ ދިނުމާއި ހުއްދަ ނުހޯދާ އެތެރެކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކާއި ނުރައްކާތެރި ކެމިކަލް އުފުލުމާއި ގުދުން ކުރުމުގެ އުސޫލްތަކާއި ހާދިސާއެއް ހިނގައިފިނަމަ ފުރަތަމަ އެހީ ހޯދުމާއި ސަލާމަތީ ފިޔަވަޅުތައް ހުންނަންޖެހޭނެ ގޮތްތައް ވެސް ހިމަނާފައިވާނެ ކަމަށް
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކެމިކަލް ގުދަންކޮށް ގެންގުޅުމުގައި ކެމިކަލްއާ ގުޅުންހުރި ގަވައިދެއް ރާއްޖޭގައި މިހާތަނަށް ހެދިފައި ނެތް ކަމަށް. އަދި ސަރުކާރު ވެރިކަމަށް އައިފަހުން އެފަދަ ގަވައިދެއް ތައްޔާރުކޮށް، ޑްރާފްޓްކޮށް، އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރަމުން ގެންގޮސްފައިވާ ކަމަށާއި އަންނަ ހޯމަ ދުވަހު އެ ގަވައިދު ގެޒެޓް ކުރެވޭނެ ކަމަށް
މިނިސްޓަރު މާރިޔާ ވިދާޅުވީ، ކެމިކަލް އެތެރެކޮށް ގުދަންކުރާ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ހެދި ދިރާސާގެ އަލީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންކުރުން މަނާކުރުމަށާއި ބޮޑެތި ކެމިކަލް ގުދުންތައް ހެދުމަށް ތިލަފުށި އަދި ގުޅީފަޅު ފަދަ ރަށްތަކުން ބޮޑެތި ކެމިކަލް ގުދަން ހަދަން ބިން ދިނުމާއި އެކަން ކުރުމަށް ހެދުމަށް މަގުފަހިކޮށްދޭން ނިންމާފައިވާ ކަމަށް
އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމަށްޓަކައި އެންވަޔަމަންޓް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، ވެމްކޯ އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މިހާރުން މިހާރަށް ވެސް ވީހާވެސް އަވަހަކަށް ކެމިކަލް ގަވައިދު ގެޒެޓް ކުރުން ހިމެނޭ ކަމަށް ވިދާޅުވި
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މާލޭގައި އެކަނިވެސް ކެމިކަލް ރައްކާކޮށްފައިހުރި 126 ގުދަނެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ގެތަކުގައި ކަމަށް. އަދި 98 ގުދަނަކީ ދިރިއުޅޭ އިމާރާތްތަކާ އިންވެގެން ހުރި ގުދަންތައް ކަމަށް
މާލޭ އިންޑަސްޓްރިއަލް ޒޯން ހަދަން ފެށުމުގެ ކުރިން ގުދަންތައް އެ ސަރަހައްދަށް ބަދަލުކުރަން އެދިފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ގުދަންތައް އެކަހެރިކޮށް، އެހެން ތަނަކަށް ގުދަންތައް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށް.
"އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑަސްޓްރިއަލް ޒޯން ހަދަން ފަށަމުންދިޔަ އިރު، އަޅުގަނޑުމެން އެދެމުންދިޔަ އެންމެ މުހިންމު އެއް ކަމަކީ މާލޭގެ އިންޑަސްޓްރިއަލް ޒޯނަކީ ގުދަންތައް ހަދާ ސަރަހައްދަކަށް ވެގެން ދިއުމުގެ ވާހަކަތައް،" އޭނާ ވިދާޅުވި.
ޝިފާ ވިދާޅުވީ ގުދަންތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ހުރިހާ މުއައްސަސާތައް ގުޅިގެން އަވަހަށް ކޮށްދިނުމަށް އެދޭ ކަމަށް. އަދި ކެމިކަލް ގުދަންތަކުގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުން ކަން ވެސް އޭނާ ފާހަގަކުރެއްވި.
"ކެމިކަލް ގުދަނުގެ ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ އެމްއެންޑީއެފްގެ ފަރާތުން. މާލެ އެތެރެވާ ހުރިހާ ކެމިކަލެއްގެ ކަންތައްތައް ބަލަހައްޓަމުން ގެންދަވަނީ އެ މުއައްސަސާގެ ފަރާތުން. ވަރަށް ފަހުން ވެސް އެބޭފުޅުން ޗެކް ކުރެއްވި ހުރިހާ ގުދަންތަކެއް. އަޅުގަނޑުމެންގެ ފަރާތުން ވެސް މައުލޫމާތު ހޯއްދެވި،" އޭނާ ވިދާޅުވި.
ޝިފާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ދައުރަކީ ގުދަނެއް ހުޅުވުމުގެ ފުރުސަތެއް ހޯދައިދިނުން ކަމަށާއި ގުދަން ހުޅުވުމުގެ ހުއްދަ ދޭއިރު އެތަނަށް ވައްދަނީ ކޮން އެއްޗެއްސެއް ކަމެއް އެވަގުތު ނޭނގޭނެ ކަމަށާއި ހުއްދަ ނަގާއިރު ކެމިކަލެއް ނުވަތަ ބޭސް ވައްދާ ކަމަށްވަންޏާ، އެތަނުގައި ސަލާމަތީ ފިޔަވަޅުތަކެއް ފުރިހަމަވެފައި ހުންނަން ޖެހޭ ކަމަށް.
މާލޭ ސިޓީ ބެލެހެއްޓުމުގެ މަސައްކަތަށް މާލޭ ސިޓީ ކައުންސިލަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ ކަންކަން ދިމާވީމާ ބޭރުގެ ގައުމުތަކުން އަމަލުކުރާ ގޮތްތަކުގެ ވާހަކަތައް ދައްކާ ކަމަށާއި މާލޭގެ އަވަށްތައް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ސިޓީ ޕޮލިސިންގ ތައާރަފުކުރުމަށް ސިޓީ ކައުންސިލަށް މުވައްޒަފުން ބޭނުންވާ ކަމަށް.
"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނަށް އަވަށްތައް ބެލެހެއްޓުމަށް ސިޓީ ޕޮލިސިންގ، ނޫނީ މާލެ ބެލެހެއްޓުމަށް އިތުރު މުވައްޒަފުން. މާލެ އިންސްޕެކްޓް ކުރުމަށްޓަކައި އިތުރު މުވައްޒަފުން އަޅުގަނޑުމެން ބޭނުންވޭ. އަދި އެ މުވައްޒަފުންނަށް ރަނގަޅު ޓްރެއިނިންގ ދީފައި، މާލޭ ސަރަހައްދު ބެލެހެއްޓޭނެ ގޮތްތައް ވެސް ހަދަން އަޅުގަނޑުމެން ބޭނުންވޭ. މިކަންކަމަށް ސަރުކާރުގެ ފަރާތުން ވީހާވެސް އަވަހަކަށް އެހީތެރިކަން ބޭނުންވާ ވާހަކަވެސް ދަންނަވާލަން،" އޭނާ ވިދާޅުވި.
ޝިފާ ވިދާޅުވީ ލާމަރުކަޒީވެގެން ބާރުތަކެއް ލިބިގެން އަންނަ އިރު، ސިޓީ ބަލަހައްޓާނެ ބަޔަކު ވެސް ބޭނުންވާ ކަމަށާއި އެހެންވީމާ މިހާރު މާލެ ބެލެހެއްޓުމަށް ހަރަކާތްތެރިވާ ހަތް މުވައްޒަފުންނާއެކު މަސައްކަތްކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް.
"އަޅުގަނޑުމެން އަބަދުވެސް އެހެން ގައުމުތަކާ އެއް ހަމައެއްގައި ހިނގަން ބޭނުންވާކަމަށްވަންޏާ، މި ހާލަތުގައި މާލެ ސިޓީ އޮތް އިރު، މި ހާލުން ދެން އަރައިގަތުމަށްޓަކައި ހުރިހާ މުއައްސަސާތައް ގުޅިގެން ކޮށްދެއްވަންވީ ކަމަކީ މާލެ ސިޓީ ބެލެހެއްޓުމަށްޓަކައި މި ބޭނުންވާ އަދަދަށް މީހުން، ޕޮލިސިންގ މިތަނުގައި ތައާރަފުކޮށްދިނުމަށް." އޭނާ ވިދާޅުވި.
ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކައި އިންޖިނިއަރިންގ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި.
އެ ގެތަކުގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ރޭގެ ހާދިސާއާ ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށް.
މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި.
އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއެކު މިއަދު ބޭއްވި ބައްދުލުވުމުގައި.
ރައީސް އޮފީހުން ބުނީ މުލީއާގޭގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުންގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކަމަށް.
މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައިވާ ކަމަށާއި މިގޮތުން މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމްއެންޑީއެފްގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭ.
ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ގަވައިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވައިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުހަލާގައި ވާކަންވެސް އެމްއެންޑީއެފުން އެ ބައްދަލުވުމުގައި ފާހަގަކުރި. އަދި އެ ގަވައިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް އަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް މަޝްވަރާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނޭ.
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ތ. ބުރުނީ ފެންފިޔާޒުގެ، އައިޝަތު ޝައުނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެ.
މިއަދު އިސްލާމީ މަރުކަޒުގައި ޖަނާޒާގެ ކަންކަން ކުރިއަށް ދިޔަ އިރު، މޫނު ބެލުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ދިޔަ. ނަމަވެސް ޝައުނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާތީ މޫނު ދެއްކުމަށް އާއިލާއިން ބޭނުންވީ، ހަމައެކަނި ދަރިންނަށާއި އާއިލާގެ މީހުންނަށް.
މެންދުރު ނަމާދުގެ ފަހުގައި އިސްލާމީ މަރުކަޒުގައި ކުރި ކަށު ނަމާދުގައި އެތައް ބަޔަކު ބައިވެރިވެފައިވޭ.
ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ތިލަފުށީ ގޭ ކުރިމަތީގައި ހުރި ހ. ރަނދުވާގެއަށް. މިއީ ޝައުނާ ދިރިއުޅުނު ގެ.
އެ ހާދިސާ ހިނގި ވަގުތު ގޭތެރޭގައި ހަ މީހަކު ތިބި. ސިފައިންނާއި ފުލުހުންނާ އާންމުންގެ އެހީއާއެކު އެގެއިން ފަސް މީހަކު ސަލާމަތް ކުރި އިރު، ޝައުނާއަށް ވަނީ އެގެއިން ނުކުމެވޭ ގޮތް ނުވެފައި.
އަދި ހަ ފަހަރެއްގެ މަތިން ސިފައިން އެގެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އަލިފާންގަނޑު މުޅި ގެއަށް ފެތުރިފައިވާތީ ސިފައިންނަށް ވެސް އެތަނަށް އެވަގުތު ނުވަދެވި، އެންމެ ފަހުން ޝައުނާއަށް އަލިފާނުން ސަލާމަތް ނުވެވުނު.
އަލިފާނުގެ ސަބަބުން ގޭގެ ދޮރު ބަންދުވެ، ނުކުމެވޭ ގޮތް ނުވުމުން އޭނާގެ ބޭބެއަށް ގުޅައިގެން ހުރެ އެންމެ ފަހު ޖުމްލައެއްގެ ގޮތުގައި ޝައުނާ ބުނެފައިވަނީ އަލިފާންގަނޑު ރޯވެފައިވާލެއް ބޮޑުކަމުން އޭނާއަށް އެތަނުން ނިކުމެވެން ނެތް ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް.
އުމުރުން 46 އަހަރުގެ ޝައުނާ އަކީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން ޑިގްރީ ހާސިލުކޮށް، އޭނާއަށް ލިބިފައިވާ އިލްމު އެހެން މީހުންނަށް އުނގަންނައިދިނުމުގައި މަސައްކަތް ކުރި މީހެއް. ޝައުނާ ނިޔާވި އިރު ދެ ފިރިހެން ދަރިން އެބަ ތިބި.
ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އުރީދޫ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފި.
އުރީދޫ އިން ބުނީ އެ ހިތާމަވެރި ހާދިސާގައި ނިޔާވި މީހާގެ އާއިލާ އާއި ގެއްލުން ލިބުނު އާއިލާތަކަށް ކުރިމަތިވި ހިތާމައިގައި އުރީދޫން ބައިވެރިވާ ކަމަށާއި އުރީދޫ ނެޓްވޯކުގައި ހިމެނޭ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް.
އުރީދޫން ވަނީ އެހެން ބައެއް ހިދުމަތްތައް ވެސް ހިލޭ ލިބޭ ގޮތަށް ހަމަޖައްސާފައި. އެގޮތުން އެހެން ނެޓްވޯކުތައް ބޭނުންކުރާ ކަސްޓަމަރުންނާ މުއާސަލާތު ކުރުމަށް ވައިބާ އިން ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައި، ހިލޭ މެސެޖު ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައި.
އޭގެ އިތުރުން ސޯޝަލް މީޑިއާގައި މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ މަގުސަދުގައި އުރޫދީން ވަނީ މިއަދު ޓުވިޓާ ވެސް ހިލޭ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައި. ނަމަވެސް އަލިފާނުގެ ހާދިސާގެ މައުލޫމާތުތައް ހިއްސާކުރާ އިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ރަސްމީ އެކައުންޓުތަކުން ފޯރުކޮށްދޭ މައުލޫމާތު ހިއްސާކުރުމަށް އުރީދޫން އިލްތިމާސްކުރޭ.
މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މިހާތަނަށް 443 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ.
އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އިސްވެރިންނާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 443 މީހުންގެ ތެރޭގައި ހިމެނޭ 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް.
މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 50 މީހަކަށް އޭޑީކޭގައި ފަރުވާ ދީފައިވާ ކަމަށާއި ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާގައި އެކަކަށް ފަރުވާ ދިން ކަމަށް. އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ވިދާޅުވި.
އަލިފާން ނިއްވުމުގައި ސިފައިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު ދަންނަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރޭގެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 7:24 ގައި ކަމަށާއި ސިފައިންގެ ފުރަތަމަ ވެހިކަލް ރޭ 7:32 ގައި އެ ސަރަހައްދަށް ދިޔަ ކަމަށް. އަދި އެންމެ ފަހު ވެހިކަލް އެ ސަރަހައްދަށް ދިޔައީ ރޭ 7:40 ގައި ކަމަށް ވިދާޅުވި.
''ސިފައިން އެންމެ ފުރަތަމަ ބެލީ މީހުންގެ ފުރާނަ ސަލާމަތްކުރަން. އެންމެ ފުރަތަމަ ސަލާމަތް ކުރި އަންހެނަކު އިމާރާތުން ނެރެން އެހީތެރިވި ފަޔާ ފައިޓަރުވެސް ދުމުގެ އަސަރުކޮށްގެން ވެއްޓުނު. މީހުން ސަލާމަތްކުރަން ސިފައިން މަސައްކަތްކުރީ ފުރާނަ އަތްމައްޗަށް ލައިގެން. އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން ސިފައިން ކުރި މަސައްކަތަށް ޝުކުރުއަދާކުރަން،'' މިނިސްޓަރު މާރިޔާ ވިދާޅުވި.
މިނިސްޓަރު މާރިޔާ ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ސިފައިންގެ 12 ވެހިކަލާއި 150 ސިފައިން ހަރަކާތްތެރިވި ކަމަށް. އަލިފާން ނިއްވުމަށް އެންމެ ބޮޑު ހުރަހަކަށް ވެގެން ދިޔައީ އަލިފާން ރޯވި ތަން ހުރީ ހަނި މަގެއްގައި ކަމަށްވެފައި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކް ކޮށްފައި ހުރުމުން ކަމަށް މާރިޔާ ވިދާޅުވި.
އަލިފާން ރޯވެގެން އިތުރު ގެތަކަށް ފެތުރުނު ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ގުދަނަކީ، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދޭ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވި. އެ ހާދިސާގައި އިމާރާތުގެ ތެރޭގައި ހުރި އަންހެނަކު ވަނީ ނިޔާވެފައި.
މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ރޭގެ އަލިފާނުގެ ހަދިސާއާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައި.
ރާގެ އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވެފައިވަނީ ހ. ހ. ތިލަފުށި ގޭގައި ހުންނަ ކެމިކަލް ގުދަނެއްގައި.
މާރިޔާ ވިދާޅުވީ މާލޭގައި ހުރި ގުދަންތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރި އިރު 126 ގުދަން ހުރި ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށް.
މާލޭގައި ކެމިކަލު ގުދަން ހުރުމާއި ގޭގޭގައި ޕެޓްރޯލް ވިއްކާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ވަގުތުން ހުއްޓުވި ކަމަށްވެސް މާރިޔާ ވިދާޅުވި. އެގޮތުން ސަރުކާރުން 15 ޖެނުއަރީ 2019 ގައި މާލޭގައި ހުރި ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރުމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުން ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅި ކަމަށް ވިދާޅުވި. އަދި އެ ތަންތަން ބަލައި ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ތަންތަނަށް އެކަން ރަނގަޅު ކުރުމަށް އެންގި ކަމަށްވެސް މާރިޔާ ވިދާޅުވި.
އަލިފާނުގެ ހާދިސާގައި ނިޔާވި އާއިޝަތު ޝައުނާގެ ކަށު ނަމާދު މާދަމާ މެންދުރު ނަމާދަށް ފަހު ކުރުމަށް ހަމަޖެހިއްޖެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޝައުނާގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި.
ޝައުނާގެ އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި ހަށިގަނޑުގެ ބޮޑު ބައެއް އަނދާފައިވުމުގެ ސަބަބުން ޝައުނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޭނާގެ ދަރިންނަށާއި އާއިލާގެ މެމްބަރުން އަދި ގާތްތިމާގެ މީހުންނަށް. އަދި ޝައުނާގެ ހަށިގަނޑު މިރޭ މޯޗަރީއަށް ގެންދިއުމަށް ހަމަޖެހިފައިވޭ.
މިރޭގެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައި އޮއްވައި ފެނުނީ ޝައުނާގެ ހަށިގަނޑު ކަމެއް ކަމާ ބެހޭ ފަރާތްތަކުން އަދި ކަށަވަރެއް ނުކޮށްދޭ. ނަމަވެސް އެއީ ޝައުނާގެ ހަށިގަނޑުކަން އާއިލާއިން ކަށަވަރުކޮށްދޭ.
މިރޭ އަލިފާން ރޯވެގެން އިތުރު ގެތަކަށް ފެރުނު ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ގުދަނަކީ، ހ.ފެހި އާބާދު ނޫން ކަމަށާއި އެއީ ހ. ތިލަފުށިގެ ކަމަށް އެމްއެންޑީއެފުން ބުނެފި.
"ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އިތުރު ތަންތަނަށް ފެތުރުނީ ހ.ފެހި އާބާދުގެ ކަމަށް ނޯޓު ކުރެވިފައި ވަނީ އަލިފާން ރޯވެގެން ރިޕޯޓްކުރިއިރު ކޯލްކުރި ފަރާތުން ދީފައިވާ އެޑްރެސްކަމަށް ވުމުން،" އެމްއެންޑީއެފް.
އަލިފާނުގެ ހާދިސާގައި ނިޔާވި ތ. ބުރުނި، އުމުރުން 49 އަހަރުގެ އާއިޝަތު ޝައުނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާސަރަހާއަށް ވަޑައިގެންފި.
އެމްއެންޑީއެފް އިން އަލިފާން ނިއްވަން ފެށި އިރު، ރޯވެފައިވާ ގެތައް ފިޔަވައި އެހެން ގެތަކެއްގައި ރޯވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ މިރޭ އަލިފާން ރޯވެފައިވަނީ ހަތަރު ކެމިކަލް ގުދަނަކާއި ހަ ގައެއްގައި ކަމަށް. ފުރަތަމަ އަލިފާން ރޯވެފައިވަނީ ހ. ތިލަފުށި ގޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދޭ.
"މިއަދު ވެސް އަޅުގަނޑުމެން މަސައްކަތް ކުރި ގޮތަށް، މަސައްކަތް ނުކުރެވުނު ނަމަ، ވަރަށް ގިނަ ގެތަކަށް އަލިފާން ފެތުރިގެންދިޔައީސް. އަޅުގަނޑުމެން އައި އިރު، ރޯވެފައި ހުރި ގެތައް ފިޔަވައި އިތުރު އެއްވެސް ގެއެއްގައި ރޯވެފައެއް ނުހުންނާނެ،" އޭނާ ވިދާޅުވި.
ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ ވަރަށް ގިނަ ސައިކަލުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ފަޔާ ވެހިކަލްތަކަށް ނުވަދެވިގެން ވަރަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށާއި އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުފެށުނު ކަމަށް.
"މި އަލިފާން ފެށިގެން އައި ކަމަށް މި ބެލެވެނީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ވަރަށް ބާރުގަދަ ގޮވުމަކާއެކު ކުރިމަތީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، ވަރަށް ބާރު ސްޕީޑެއްގައި އަލިފާން ރޯވެގެން ގޮސް، އެގޭގެ މީހުން ނުކުންނަން އޮތް ދޮރު ބަންދުވުމާ ގުޅިގެން އެގޭގެ މީހުންނަށް ނުނުކުމެވި ވަރަށް ބޮޑަށް މީހުން ތާށިވެފައި ތިބީ އެތެރޭގައި. ވަރަށް ބޮޑު ރިސްކެއް ނަންގަވާފައި އަޅުގަނޑުމެންގެ ފަޔާމަނުން ވަދެވެން ހުރި ތަންތަނަށް ވަންނަމުން މީހުން ސަލާމަތްކުރަމުން ގެންދިޔައީ. އެގޮތުން ފުރަތަމަ ބުރުގައި ތިން މީހަކު ނެރެ ހޮސްޕިޓަލަށް ފޮނުވުނު. އަދި ފަހުން ދެ މީހަކު ނެރެ ހޮސްޕިޓަލަށް ފޮނުވުނު،" އޭނާ ވިދާޅުވި.
ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ގިނަ ޔުނިޓުތަކެއްގެ ސިފައިންގެ އިތުރުން ފުލުހުންނާއި މޯލްޑިވިއަން ރެޑްކްރެސެންޓާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އަލިފާނާ ބެހޭ އެއްޗެހި އެތެރެކުރާ އަމިއްލަ ކުންފުނިތައް އަދި ގިނަ އާންމުން ވެސް ބައިވެރިވި ކަމަށާއި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވާ ކަމަށް. އަދި އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ 12 ވެހިކަލްގެ އިތުރުން އެމްއޭސީއެލްގެ ވެހިކަލެއް ވެސް ހަރަކާތްތެރިވި ކަމަށް އޭނާ ވިދާޅުވި.
މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަންހެނަކު ވަނީ ނިޔާވެފައި. އެ ހާދިސާގައި ނިޔާވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އާއިޝަތު ޝައުނާ ކަމަށް މައުލޫމާތު ލިބޭ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެއީ ޝައުނާގެ ހަށިގަނޑުކަން އަދި ކަށަވަރުކޮށްދީފައެއް ނުވޭ.
ހ. ފެހިއާބާދު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ވިހިފައި އޮތުމުގެ ސަބަބުން އެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ޝައުނާގެ ހަށިގަނޑުކަން ކަށަވަރުކުރަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ ހަށިގަނޑަކީ ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީން ނުވާ ކަމަށާއި ނަމަވެސް މީހަކު ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކުރީ އެންމެ އާއިލާއަކުން ކަމަށް.
"ވަރަށް ބޮޑަށް ފިހިފައި. އެހެންވީމާ ވަކި ކުރާކަށް ވެސް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެންނަށް ދެނެގަންނަން ވެސް އުނދަގޫވި. ގެއްލިގެން އުޅޭ މީހާ ކަމެއް އަދި ޔަގީނެއް ނުވޭ. އެ އާއިލާއިން އެކަނި އަޅުގަނޑުމެންނަށް މީހަކު އެތެރޭގައި ވީކަމަށް ރިޕޯޓުކުރީ،" އޭނާ ވިދާޅުވި.
ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެ އިމާރާތުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނޭތޯ ހައެއްކަ ފަހަރު ބެލިފައިވާނެ ކަމަށާއި ވަރަށް ބައިވަރު އެއްޗެހިތަކަކާއެކު ދުންގަނޑަކަށް ވެފައިވުމުގެ ސަބަބުން ހަށިގަނޑު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް. އަދި ހަށިގަނޑު ފެނުނީ ބޮޑު ރިސްކަކާއެކު ވަރަށް ރަނގަޅަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި.
"ވަރަށް ރަނގަޅަށް ބަލައިގެން އަޅުގަނޑުމެންނަށް ހަށިގަނޑު ފެނުނީ. އެ ހަށިގަނޑު ފެނުނީ އެންމެ ބޮޑަށް އަލިފާން ރޯވި ކެމިކަލް ގުދަނުގެ ކުރިމަތީގައި ހުރި އުސް އިމާރާތް،" އޭނާ ވިދާޅުވި.
ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އަލިފާން ރޯވި ހުރިހާ ގެއެއް ވެސް މިހާރު ބަލާފައިވާނެ ކަމަށާއި އެ ގެތަކުން އިތުރު މީހަކު ފެނިފައި ނުވާ ކަމަށް.
ނިޔާވެފައިވާ ޝައުނާގެ ހަށިގަނޑު އަދި ހޮސްޕިޓަލަށް ގެންގޮސްފައެއް ނުވޭ.
އަލިފާނުގެ ހާދިސާގައި ހޭނެތުނު އަންހެނެއް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 300 އެއްހާ މީހުން މިހާރު ކަލާފާނު ސްކޫލުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި ތިބި ކަމަށް. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ދިވެހިން ކަމަށާއި ވަގުތީ ގޮތުން އެމީހުން ބޭތިއްބުމަށް ގެސްޓް ހައުސްތައް ހަމަޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތު ދޭ.
ފެހިއާބާދު ގޭގެ މަތީ ފަންގިފިލާގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ތެރޭ ވަރަށް ބޮޑަށް ފިހިފައި އޮއްވައި.
ފުލުހުން ބުނީ މި ހާދިސާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށް.
ހ. ފެހިއާބާދު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ޝައުނާ ނިޔާވެފައި އޮއްވައި ފެނިއްޖެ.
ފުލުހުން ބުނީ މި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާ ކަމަށް. ނަމަވެސް ނިޔާވެފައިވަނީ ކާކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވޭ.
ނިޔާވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރިނިއަށް ނިސްބަތްވާ 49 އަހަރުގެ އާއިޝަތު ޝައުނާކަން "ވަން"އަށް ވަނީ ކަށަވަރުވެފައި.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ކަރަންޓު ކަނޑާލީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ސްޓެލްކޯ އިން ބުނެފި.
ފެހިއާބާދު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފި.
ރައީސް ނަޝީދު ވިދާޅުވީ މި ހާދިސާގައި މީހުން ސަލާމަތްކޮށްދިނުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށާއި ހާއްސަކޮށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ޝުކުރު ދަންނަވާ ކަމަށާއި މިވަގުތު ކަމާބަހޭ މުއައްސަސާތަކުން އާންމުންގެ ފަރާތުން ބޭނުންވާ އަމަލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަލާފާނު ސްކޫލަށް ވަޑައިގެން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކާ ބައްދަލުކުރައްވައިފި.
އަލިފާނުގެ 90 ޕަސަންޓް ކޮންޓްރޯލް ވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދޭ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ހ. ރަދުވާނިއާގައި ދިރިއުޅޭ ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އާއިޝަތު ޝައުނާ ނަމަކަށް ކިޔާ އަންހެނެއް.
އަލިފާނުގެ ހާދިސާގައި މިހާތަނަށް ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދޭ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ސަރަހައްދުން ގެއްލިފައިވާ މީހަކު ހޯދަމުންދާ ކަމަށާއި، އެއީ އަންހެނެއް ކަމަށް.
އަދި ވިދާޅުވީ މިރޭ ކެބިނެޓް ބައްދަލުވުމެއް ބާއްވަވަން ނިންމެވީ، ދެން މިފަދަކަމެއް ހިނގިޔަ ނުދިނުމަށް ކުރެވެންހުރި ކަންތައްތަކާބެހޭގޮތުން ކަމަށް.
ޑިޒާސްޓާ މެނޭޖްމަންޓް އޮތީރިޓީން ކަލާފާނު ސްކޫލުގައި ގާއިމުކުރި ވަގުތީ ހިޔާގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި.
ޑިޒާސްޓާ މެނޭޖްމަންޓް އޮތީރިޓީން ބުނީ އެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ފެނާއި ކާނާ ހަމަޖެހިފައިވާ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފި.
އެ ސަރަހައްދަށް ވަޑައިގެން މައުލޫމާތު އޮޅުން ފިލުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިހާދިސާއާ ގުޅިގެން މިރޭ ކެބިނެޓް ބައްދަލުވުމެއް ބާއްވަވާނެ ކަމަށް.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް މިވަގުތަށް ބޭނުންވާ އެހީތެރިކަން ލިބިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މި ހާދިސާއާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އެހީތެރިވުމަށް ޑޮނޭޝަން ފޯރުކޮށްދިނުމަށް އެދެމުން އަންނަ ކަމަށާއި އިތުރަށް އެހީތެރިކަން ބޭނުންވާ ނަމަ އިއުލާންކުރާނެ ކަމަށް.
އިތުރު އިމާރާތެއްގައި ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބޭ.
އަލިފާން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފި.
އެމްއެންޑީއެފް އިން ބުނީ އަލިފާން އިތުރަށް ފެތުރިފައި ހުރި ތަންތަނުން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ފެހިއާބާދު ގޭގައި ރޯވި އަލިފާންގަނޑުގެ ބޮޑު ބައެއް ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް.
މިރޭ ހެންވޭރު ފެހިއާބާދުގައި ރޯވި އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީއެތެރިކަން ފޯރުކޮށްދިނުމަށް، އަންނައުނު ފަދަ ޒަރޫރީ ބޭނުންތައް ފުއްދޭނެ ތަކެތި ހަދިޔާކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އިލްތިމާސް ކުރައްވައިފި.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި، ވިދާޅުވީ، ބޭނުން ނުކޮށް އިތުރުވެފައި އެއްވެސް އެއްޗެއް، އަންނައުނު، ފައިވާން ނުވަތަ ކުޑަކުދިން ކުޅޭ ސާމާނު ހުރި ނަމަ އެތަކެތިވެސް އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހި ކަލާފާނު ސުކޫލަށް ބަދަލުކޮށްފައިވާ ފަރާތްތަކަށް ހަދިޔާކޮށްދިނުމަށާއި އެމީހުންނަށް އެހީވުމަށް ގޮވާލައްވާކަމަށް.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ޒިޔާރަތް ކުރައްވައި އެ ހާދިސާގެ މައުލޫމާތު އޮޅުން ފިލުއްވައި، އެތަނުގައި ކަންތައްތައް ހިނގަމުންދާގޮތް ބައްލަވާ ލައްވައިފި.
މިނިސްޓަރ އޮފް އާރޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ކަލާފާނު ސްކޫލްގެ ބުރުޒުމަގާ ދިމާ ގޭޓުން ވަނުމަށް ރެޑްކްރެސެންޓުން އެދޭ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާއާ ގުޅިގެން 56 މީހަކު މިހާތަނަށް އޭޑީކޭއަށް ގެންދިޔަ، އޭގެ ތެރެއިން ފަރުވާދިނުމަށްފަހު 46 މީހުން ވަނީ ދޫކޮށްލައިފަ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި ގެންދާ މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭގެ އިތުރުން އައިޖީއެމްއެޗާއި ޓްރީ ޓޮޕް ހޮސްޕިޓަލް ތައްޔާރީ ހާލަތުގައިވާ ކަމަށް.
އެ ސަރަހައްދުން ރޯވެފައިވާ ގެއެއްގެ ތިންވަނަ ފަންގިފިލައިގަ ހުރި ފާހާނާއެއްގައި 39 އަހަރުގެ އަންހެނަކު ތާށިވެފައި ހުރިހަމުގެ މައުލޫމާތެއްވެސް އެބަލިބޭ.
އަލިފާން ރޯވެފައިވާ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި އެއްގަމު އުޅަނދުތައް މިހާރުން މިހާރަށް ނެގުމަށް ފުލުހުން އަންގައިފި.
އަލިފާން ރޯވި ފެހިއާބާދުގެ އާ ޖެހިގެން ހުރި ގޭގެ ހަތަރުވަނަ ފަންގިފަލާގައި ތާށިވެފައިވާ ތިބި މީހާ އާއި ކުޑަކުއްޖާ ނެރެފި. އެމީހުންގެ ހާލު ރަނގަޅު.
ފެހިއާބާދު ގޭގައި އަޅާފައިވާ ޑެކެއް ވަނީ ބިންދައިގެން ގޮސް، އަރިއަޅާލާފައި.
އަލިފާން ރޯވި ފެހިއާބާދުގެ އާ ޖެހިގެން ހުރި ގޭގެ ހަތަރުވަނަ ފަންގިފަލާގައި ތާށިވެފައިވަނީ މީހަކާއި ކުޑަކުއްޖެއް.
އަލިފާން ރޯވެފައިވާ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ.
އަލިފާން ރޯވި ފެހިއާބާދުގެ އާ ޖެހިގެން ހުރި ގޭގެ ހަތަރުވަނަ ފަންގިފަލާގައި ތާށިވެފައިވާ ބަޔަކު އެތަނުން ނެރުމަށް ފަޔާ ޓީމުން އަންނަނީ މަސައްކަތްކުރަމުން. ނަމަވެސް ތާށިވެފައިވަނީ ކިތައް މީހުން ކަމެއް އަދި ކަށަވަރެއް ނުވޭ.
އެމީހުން ސަލާމަތްކުރުމަށް ލަސްތަކެއް ކުރިމަތިވާތީ، އެމީހުންގެ އާއިލާ އިން ނުރުހުން ފާޅުކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ މައުލޫމާތުދޭ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަލާފާނު ސްކޫލުގައި ގާއިމުކުރި ވަގުތީ ހިޔަލަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަޑައިގެންފި.
ޝިދާތާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް.
އަލިފާން ރޯވެފައިވާ ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވޭ.
ދުމުގެ އަސަރުކުރާ ހިސާބުގައި އާންމުން ނުތިބުމަށާއި ނޭވާ ލުމަށް އުނދަގޫތަކެއް ކުރިމަތިވާ ނަމަ، ސިއްހީ އެހީ ހޯދުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ވެސް އިލްތިމާސްކޮށްފި. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މާސްކް ބޭނުންކުރުމަށް ވެސް ރެޑް ކްރެސެންޓުން އިލްތިމާސްކުރޭ.
އަލިފާން ރޯވެފައިވާ ގެއެއްގައި ދެމީހަކު ތާށިވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބޭ. އެ ދެ މީހުން ނެރެވުނު ކަމެއް އެމްއެންޑީއެފް އިން އަދި ކަށަވަރުކޮށެއް ނުދޭ.
އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވެސް ވަނީ ބުނެފައި.
އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުވައިފި.
ރައީސް ސޯލިހު ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަސަރުކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަޖެންސީ އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށް.
މި އަލިފާނުގެ ހާދިސާގައި ކައިރީގައި ހުރި ބައެއް އިމާރާތްތަކުގައި އަލިފާން ފެތުރިފައިވޭ.
އަލިފާނުގައި ދުމުގެ އަސަރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުން އަންނަނީ އޭޑީކޭ ހޮސްޕިޓަލް އަދި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަލާފާނު ސްކޫލުގައި ގާއިމުކުރި ވަގުތީ ހިޔަލުގައި ވެސް ހަރަކާތްތެރިވަމުން.
އެއާޕޯޓުގެ ފަޔާ ވެހިކަލް މިހާރު ވަނީ އެ ސަރަހައްދަށް ވައްދާފައި. ބެލެވޭ ގޮތުގައި މިހާރު ފަޔާ ޓީމުން މަސައްކަތްކުރަނީ ފޯމް ޖަހައިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރަން.
އަލިފާން ނިއްވާލުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯމް ވެހިކަލެއް ގެންދިޔަ ނަމަވެސް، ފޯމް ބޭނުންކުރަން ފަށާފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބޭ.
އެމްއެންޑީއެފުން ބުނީ ހ. ފެހިއާބާދު ގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް. ނަމަވެސް އެތަނުން އަދިވެސް ހުޅު އަރަމުން އެބަދޭ.
ދުމުގެ އަސަރުކޮށްގެން ބައެއް މީހުން އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. އޭގެ އިތުރުން އެމްއެންޑީއެފް ފަޔާ ޓީމުގެ މެމްބަރަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހަ ވަރަކަށް މީހުން މިހާތަނަށް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭޑީކޭ އޮތީ ތައްޔާރީ ހާލަތުގައި ކަމަށް.
އަލިފާން ރޯވެފައިވާ ގެއިން އަދިވެސް އެއްޗެހި ގޮވާ އަޑު އިވޭ.
ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރުކުރާ ހިސާބަށް އާންމުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި.
އެޗްޕީއޭ އިން ބުނީ ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެއަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށާއި ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެ ކަމަށް.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ، އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސާފައިވާ ކަމަށް.
ހުރިހާ އާއިލާތަކެއްގެ ފަރާތްތައް ކަލާފާނު ސްކޫލަށް ދިއުމަށް ވެސް ވަނީ އިރުޝާދު ދީފައި.
އަލިފާން ކޮންޓްރޯލް ނުވެ ގުދަން ވަނީ މުޅިންހެން އަނދައިފަ، އަދި ރޯވި އަލިފާންގަނޑު ފެތުރުމުގެ ސަބަބުން ކައިރީގައި ހުރި ބައެއް އެހެން ގެތަކުގައިވެސް ވަނީ ރޯވެފައި.
ކުޑަކުއްޖަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. އިތުރު މީހަކަށް އަނިޔާއެއްވެ، ނުވަތަ ދުމުގެ އަސަރުކުރި ކަމުގެ މައުލޫމާތެއް އަދި ނުލިބޭ.
އެމްއެންޑީއެފުން އަލިފާން ނިވާ އިތުރު ވެހިކަލްވެސް އެ ސަރަހައްދަށް ގެނަސްފި،
މިހާތަނަށް އަދި އަލިފާން ކޮންޓްރޯލް ވެފައިވާކަމަކަށް ނުފެނޭ،
އެމްއެންޑީއެފް އާއި ފުލުހުން އަންނަނީ އެތަނުގައި އޮތް ވެހިކަލެއްގައި ރޯވުމުން، ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ވެސް ކުރަމުން.
އެ ގޭގެ ކައިރީގައި ހުރި ބައެއް ވެހިކަލްތަކުގައި ވެސް ވަނީ ރޯވެފައި.
އެމްއެންޑީއެފް އާއި ފުލުހުން، ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުންދާ އިރު، އަލިފާންގަނޑު ދަނީ އިތުރަށް ފެތުރެމުން.
ރޯވެފައިވަނީ ހ. ފެހިއާބާދު ގޭގައި. އެ ތަނަކީ ކެމިކަލް ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް.
ރޯވެފައިވާލެއް ވަރުގަދަކަމުން އެ އިމާރާތުގެ ދޮރުތަކުގައި ހުރި ބިއްލޫރިތައް ތެޅިގެން މަގުމައްޗަށް ފައިބަމުން އެބަދޭ.
އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކުރުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ކުރިއަށް އެބަގެންދޭ.
ފުލުހުން ބުނީ އަލިފާން ރޯވެފައިވަނީ، ހ. އޮފްރޯޑް ކައިރީގައި ހުރި ތަނެއްގައި ކަމަށް. އެތަނުގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:25ގައި ކަމަށް ފުލުހުން މައުލޫމާތުދޭ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ފަޔާ ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށް.
ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އަނދަން ފަށައިފިއެވެ.
މި ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މި ހާދިސާގައި އަންހެނަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރުނިއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އާއިޝަތު ޝައުނާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެއީ ޝައުނާގެ ހަށިގަނޑުކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފުރަތަމަ އަލިފާން ރޯވެފައިވަނީ ހ. ތިލަފުށި ގޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.