ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގު އިންޓެލިޖެންސް އިން ހޯދި ހޯދުމެއްގެ މައްޗަށް ބިނާކޮށް، ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފުލެޓް ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި 24 ސެލޯޕިން ކޮޅުގެ އިތުރުން ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 996 ގުރާމު ކަމަށްވެސް މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު މިއަދު ދީފައިވާ ކަމަށެވެ.

މި މައްސަލަ ޑުރަގް އެންފޯސްމެންޓް ޑިޕާޓުމެންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.