ޚަބަރު

ކްރޮސްރޯޑްސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ވެގެންދާނެ: ނައިބު ރައީސް

ފަތޯނާ ފާއިޒު

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް "އިންޓެގްރޭޓެޑް ޓުއަރިޒަމް ކޮންސެޕްޓަށް" ތަރައްގީ ކުރި ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހަލުވި ކުރިއެރުންތަކެއް އަންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް ރަސްމީކޮށް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ މަޝްރޫއުއަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މިހާތަަނަށް ހިންގުނު އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

"މި މަޝްރޫއުގެ ސަބަބުން، ރާއްޖޭގައި ހޮސްޕިޓާލިޓީގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ، ހުނަރުވެރި ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ލިބިގެންދާނެތީ އުފާކުރަން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ އެކި ދާއިރާތަކުގައި އަންހެނުން ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ކްރޮސްރޯޑްސްގެ ވަޒީފާތަކުން އަންހެނުން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ވިސްނުންތެރި ހިޔާލުތަކާއި ވިޔަފާރިތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، ފޮރިން އިންވެސްޓްމެންޓްތަކަށް މުޅި ރާއްޖެ ހުޅުވާލާފައިވާ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކްރޮސްރޯޑަކީ ހަމައެކަނި ފަތުރުވެރި ރިޒޯޓެއްގެ ހިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ހިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ކްރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މައުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށްވެސް ވިދާޅުވިއެވެ.

ކްރޮސްރޯޑްސްގެ މުޅި ޕްރޮޖެކްޓަށް 700 މިލިއަން ޑޮލަރު ހަރަދު ކުރެއެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މުޅި މަޝްރޫއުގެ މަސައްކަތް ނިިންމާލުމަކީ އެތަން ތަރައްގީ ކުރާ ތައިލެންޑްގެ ސިންހާ އެސްޓޭޓްގެ އަމާޒެވެ.

ކްރޮސްރޯޑްސްގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ވެސް ވަކި ސަރަހައްދެއް އަންނަނީ ތަރައްގީ ކުރަމުންނެވެ.