ޚަބަރު

މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ވޯޓު ކަރުދާސް ނައްތާލި ސަބަބު ބުނެދޭން ޖެހޭ - އަދުރޭ

އަހުމަދު ޖައިޝަން

1

ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ވޯޓު ކަރުދާސް ނައްތައިލި ސަބަބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެދޭން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ވޯޓު އޮޅުވާލި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ވަނީ އެއީ ޖިނާއީ މައްސަލައަކަށް ވާތީ ކަމަށެވެ.

"މައްސަލައާ ގުޅުންހުރި އެއްޗެއް ނައްތާލެވިގެންދާއިރު އެ ނައްތާލެވިގެން ދިޔައީ ކީއްވެކަން އެންމެ ކުޑަމިނުން ރައްޔިތުންނަށް އެނގެން އެބަ ޖެހޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަލަމުން ދާ މައްސަލައެއްގައި ހުރި ވޯޓު ކަރުދާސްތައް ނައްތާލުމުގެ ސަބަބުން ބަލަމުންދާ މައްސަލައަށް އެއްވެސް ކަހަލަ ގެއްލުމެއް ވާނަމަ ނުވަތަ ނުވި ނަމަވެސް އެކަންތައް ރައްޔިތުންނަށް އެންގުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިއީ ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ދަނޑިވަޅަކަށް ވާއިރު އެފަދަ އަމަލެއް ހިންގުމުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އާންމުކުރިތާ ދެ ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ އިލެކްޝަންސް އިން ޕީޕީއެމްއާ ޒާތީވަމުންދާ މަންޒަރު ކަމަށެވެ.

އެފަދަ ކަންތައްތަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ވަނީ މައްސަލަ ބެލުމަށް ނުކުޅެދިފައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟