ރާއްޖެއާއި ޗައިނާއާ ދެމެދު އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެގައުމުގެ ހާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގެ ޑިއައޯޔުޓާއި ސްޓޭޓް ގެސްޓްހައުސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާގެ ސްޓޭޓް ކައުންސެލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވާންގް ޔީ ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި މުހިންމު ވާހަކަތައް ފޮރިން މިިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ.
އެބައްދަލުކުރެއްވުމުގައި މިނިސްޓަރު ވާންގް ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންނެވީތީ މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެ އާއެކު ޗައިނާއިން ބާއްވަމުން އަންނަ ގުޅުން އަބަދުވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަދި މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ.
މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ "ވަން ޗައިނާ" ޕޮލިސީ ދަމަހައްޓައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް" އަށް ދިވެހި ރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ ވާންގް އަށް އަރުވައިފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް ސިނާއީ ތަރައްޤީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް، ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު ދެންނެވިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފައި ވަނީ އެގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލުއާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި، ޑިރެކްޓަރ ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ ބައްސާމާ ފާރޫގު ބައިވެރިވެވަޑައިގެންނެވިއެވެ.