އިބްރާހިމް ޒަކީ
ޕާސްޕޯޓުގެ ބައެއް ނަކަލު ކޮށްގެން، މިއަދު ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި އެ ބިދޭސީ މީހާ ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކާކު ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ.
ވޯކް ވިސާ ހެދުމަށް ނަކަލުކޮށްފައިވާ ރިޕޯޓެއް ހުށަހެޅި ބިދޭސީއަކު ވެސް އިއްޔެ ވަނީ އަތުލައިގެންފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
މި މައްސަލަައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާގެ އިތުރު މައުލޫމާތެއް ވެސް ދީފައެއް ނުވެއެވެ.
ނަމަވެސް އިމިގްރޭޝަނުން އާންމުކުރި މިމީހާގެ ފޮޓޯތަކުން ދައްކާގޮތުގައި އެމީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލެ ފިހާރައެއްގެ ތެރެއިންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނައިރު ދާދި ފަހަކުން އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވެގެން އުޅުނު ދެ ބިދޭސީއެއް ޑީޕޯޓުކޮށްލާފައެވެ.
މީގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން އަންނަ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުގެ އިދާރާތަކާއެކު މަސައްކަތް ކުރުމަށް ޓާސްކް ފޯސްއެއް އެކުލަވާލައިގެން ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.