ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް އެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއިއެކު ސަރުކާރުން ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެެއްވި މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލެވެ.
އަދި ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަދި ރާއްޖޭގެ ސީއެމްއީސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް މރ. ލިއު ޝިއައޯޑާއެވެ.
މި އެއްބަސްވުމުގެ ދަށުން ހަތަރު މަސްދުވަހުގެ ތެރޭގައި މަޝްރޫއާ ގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީއެމްއީސީގެ ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހެއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީއެމްއީސީ ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އެ ސްޓޭޑިއަމްގެ މަަސައްކަތް ނިންމާލުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ.