ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލައިގަ، އިތުރު ބަޔަކަށް ދައުވާކުރަން އަންނަ ހަފްތާ ފޮނުވާނެ: ރައީސް

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، އިތުރު ފަރާތްތަކަށް ދައުވާކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން މިމަހު ފަހު ހަފްތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ދައުލަތުން މިހާރު ދައުވާ ކުރަމުންދަނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މައްސަލައާބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ބަޔަކަށް ދައުވާކުރަން މިމަހުގެ ފަހު ހަފްތާގައި ޕީޖީ އަށް ފޮނުވާނެ ކަމަށެވެ.

"މިކަމުގަ ރައީސް ރާމީންގެ މައްޗަށް ތި ވިދާޅުވާގޮތަށް ޝަރިއަތް އަދި ކުރެވެނީ، އެކަމަކު އަޅުގަނޑަށް އިއްޔެ މައުލޫމާތު ލިބުނީ މިމަހުގެ ފަހު ހަފްތާ ތެރޭގައި އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް، ކޮމިޓީީން ފޮނުވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ބަލައި، އޭގެ ތަފްސީލަށް ދިއުމަށްޓަކައި އެކަންކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް އެެސެޓް ރިކަވަރީ ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރަށްރަށުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ސަރުކާރަށް 220 މިލިޔަން ޑޮލަރު ލިބެންޖެހޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންގެ ރިޕޯޓުން ދައްކާކަން ފާހަގަ ކުރައްވައި ރައީސް އިއްޔެ ވިދާޅުވީ، އެ ހިޔާނާތުގެ ކަންތައް ބެލުމަށް ކޮމިޝަނުން ވަރަށްބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.