ޚަބަރު

ރަށްތަކަށް ޖަނަރޭޓަރު ފޯރުކޮށްދިނުމަށް މި ސަރުކާރުން 150 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ރައީސް

ފަތޯނާ ފާއިޒު

ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނުން އެކި ރަށްތަކަށް ޖަނަރޭޓަރު ފޯރުކޮށްދިނުމަށް، މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ އެކި ރަށްރަށަށް 53 އަށްވުރެ ގިނަ ޖަނަރޭޓަރު ފޯރުކޮށް ދެވިއްޖެ ކަމަށާއި، އެ ޖަނަރޭޓަރުތައް ފޯރުކޮށްދިނުމަށް 150 މިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ.

"އިންޖީނުގެ ހުރިތަން ބަދަލު ކުރުމުގެ މަސައްކަތް 16 ރަށެއްގައި ކުރިއަށް އެބަދޭ." ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ އިތުރު މަސައްކަތް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިއަދު ވަނީ ފ.ބިލެއްދޫގައި ޕަވަހައުސް އެޅުމަށް ބިންގާ އަޅައިފައެވެ.

މިއަހަރު 30 ޕަވަ ހައުސްއެއް އެޅުމަށް ފެނަކައިން އަމާޒު ހިފާފައިވާއިރު، ބިލެއްދޫގައި އަޅަންފެށި ޕަވަހައުސްއަކީ މިއަހަރުތެރޭގައި މަސައްކަތް ފެށި 17 ވަނަ ޕަވަހައުސްއެވެ.