އެއްބައިވަންތަ ކަަމަކީ އަމާން އައްސޭރިއަކަށް ގައުމު ގެންގޮސްދޭނެކަމެއް ކަމަށާއި، އިސްލާމީ މުޅި އުއްމަތުގެ ކާމިޔާބު ބިނާވެފައި ވަނީ މުސްލިމުގެ މެދުގައި ވާ ގަދަފަދަ ބަދަހި ގުޅުމުގެ މައްޗަށްކަމަށް މިއަދުގ ހުކުރު ހުތުބާގައި ބުނެފިއެވެ.
އިސްލާމީ އުހުއްވަތްތެރި ކަމާއި މުޅި އުއްމަތުގެ ގުޅުމުގެ މައްޗަށް ބިނާކޮށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމީ އަހުވަންތަ ކަމަކީ މުގައްދަސް ގުޅުމެއް ކަމަށެވެ.
"އެއީ އީމާންކަމާ ގުޅިފައިވާ ކަމެއް. އަބަދަށް ދެމިގެންވާ ގުޅުމަކާއި ލޯތްބެއް. އިލާހީ ބާރަކުން އިންސާނާގެ ހިތުގައި ގާއިމްވާ ގުޅުމެއް. އެއީ ހަޔާތުގެ ރޫހު. އެހެންކަމުން ﷲ ތައާލާ އަށްޓަކައި ގާއިމްވާ މި ގުޅުމުގެ ސަބަބުން އޭގެ އަހުލުވެރިން ބައްދަލުވާނީ ހެއޮކަމާއި ހެޔޮ ގޮތްތަކާއެކު. ދުނިޔޭ ގައިވެސް އެބައިމީހުންގެ މެދުގައި އޯގާތެރި ގުޅުން ގާއިމްވެފައި އޮންނާނެ. އަދި އާހިރަތްދުވަހު އެފަދަ އެކުވެރިން ތިބޭނީ ނޫރުންވާ މިންބަރުތަކެއްގެ މަތީގައި،" ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމީ އުހުއްވަތްތެރިކަމަކީ ގާތްތިމާގެ ކަމާއި ލޭގެ ގުޅުމެކޭ އެއްފަދަ ނުވަތަ އެއަށްވުރެ މާ މަތިވެރި ގުޅުމެއްކަން ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
"އެއީ އިންސާނާ އޭނާގެ އަހާއަށް ލިބެންޖެހޭ ހައްގުތަކަށް ޖާގަދީ، އޭނާއަށްޓަކައި އަދަދު ނުކުރެވޭހާ ގިނަގުނަ ކަންތައްތައް ކޮށްދިނުމަށް ބޭނުންވާ ސަބަބުވެސްމެ. އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުމަކީ މަތިވެރި ގުޅުމެއް، އެއީ އިލާހީ ގުޅުމެއް، މި ގުޅުމުގެ ބޭނުމަކީ ﷲ ތައާލާގެ ހަޒުރަތުން ރުއްސެވުމާއި ފުއްސެވުން ލިބިގަތުން. އަދި މަތިވެރި ވެގެންވާ ސުވަރުގެއަށް ދިއުމުގެ މަގުފަހިކުރުން،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ މުސްލިމުން ދިރިއުޅޭ މުޖުތަމައަކަށް ލިބޭނެ އެއްމެ ބޮޑު އެއް ނިއުމަތަކީ، އެ މުޖުތަމައަކީ އުހުއްވަތްތެރި، އެއްބައިވަންތަ މުޖުތަމައެއްކަމުގައިވުން ކަމަށެވެ.
އަދި މުޖުތަމައުގައި އެއްބައިވަންތަކަން ދެމެހެއްޓޭނީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކޮށްގެން، އެކުވެރިކަމާއި އުހުއްވަތްތެރިކަމުގެ ތަނބުތައް ވަރުގަދަކޮށްގެން، ވެރިންނާއި ރައްޔިތުންގެ މެދުގައި އުހުއްވަތްތެރި ގުޅުމެއް އޮވެގެން، އުރެދުމެއްނުވާ ކޮންމެ ކަމެއްގައި ވެރިންނަށް ކިޔަމަންތެރިކަން އަދާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމީ މުޖުތަމައުގައި އެންމެބޮޑު އިސްކަމެއް ދޭންޖެހޭނީ ތިމާގެ އަމިއްލަ މަސަލަހަތު ކުރިއަށް ނެރުމަށްވުރެ މުޖުތަމައުގެ މަސްލަހަތަށް، ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"ރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުންދާ މީހުންނަކީ އެއްބަހަކުން ވާހަކަދައްކާ އެއް ދީނަކަށް ތަބާވެގެންތިބި މުސްލިމުންކަމުގައި ވީހިނދު، މުޖުތަމައުގެ މަސްލަހަތު ރައްކާތެރި ކުރެވޭނީ އެ މުޖުތަމައުގެ ފަރުދުންގެ ހައްގުތައް ރައްކާތެރި ކުރެވިގެން. މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ އިސްލާމީ އުހުއްވަތްތެރިކަން. މުސްލިމުންގެ މެދުގައި އޮންނަންވާ އިސްލާމީ އުހުއްވަތްތެރިކަން ހަރުދަނާ ކުރުމަށް ކީރިތިވަންތަ ﷲ ވަނީ އަންގަވައިފަ،" ހުތުބާގައި ވެއެވެ.
އިސްްލާމީ އުހުއްވަތްތެރިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ކަމަގައި ހަދައިގެންނުވާނެ ކަމަށާއި، އެއީ ތިމާގެ ނަފްސާއި ހިތުގެ އަޑީގައި ބިންވަޅު ނެގިފައިވާ، އެއާ އެއްގޮތަށް އަމަލުކުރާ ގުޅުމަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި ގުޅުމުގައި އޮންނަންޖެހޭނީ އިހުލާސްތެރި ކަމާއި ލޯތްބާއި އޯގާތެރިކަން ކަމަށާއި އެއީިން ފާޅުވާންޖެހެނީ ތިމާގެ އަހާއާއެކު ރިވެތި ގޮތުގައި ކުރެވޭ މުއާމަލާތްތައްކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމީ ތާރީހަށް ނަޒަރުހިންގާލާއި ހުތުބާގައި ބުނެފައިވަނީ، ފެންނަންއޮތް އެންމެ ރަނގަޅު މުޖުތަމައަކީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައިއޮތް އިސްލާމީ މުޖުތަމައުކަމަށެވެ. އަދި އެކަލޭގެ ފާނުގެ ހިޖުރައިންނާއި، ހާޖިރިއްޔަ ބޭކަލުންގެ އުހުއްވަތްތެރިކަމުގެ ގުޅުމަށް ބިނާކޮށް ހުތުބާގައި މިސާލު ޖަހާފައިވެއެވެ.
މުސްލިމުން އެކަކު އަނެކަކަށް ހަސަދަވެރި ނުވުމަށް، ކީރިތި ރަސޫލާ މުޅި އިސްލާމީ އުއްމަތަށް ކުރައްވާފައިވާ ވަސިއްޔަތް ޕުޅުތައް ހުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.
އެކަކު އަނެކަކާ ބައްދަލުވާހިނދު ސަލާމްކޮށް، އުޅުމަށް ކީރިތި ރައޫލާ ދެއްވާފއިވާ އިރުޝާދު ވެސް ހަދާންކޮށްދީފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ، އިސްލާމީ މުޅި އުއްމަތުގެ ކާމިޔާބު ބިނާވެފައިވަނީ މުސްލިމުގެ މެދުގައި ވާ ގަދަފަދަ، ބަދަހި ގުޅުމުގެ މައްޗަށް ކަމަށެވެ. އިސްލާމީ އުއްމަތަށް ލިބިގެންދިޔަ ހުރިހާ ނަސްރަކާއި، ބާރަކާއި، ކުރިއެރުމެއްގެ އަސްލަކީ އިސްލާމީ އެއްބައިވަންތަކަން ކަމަށާއި، މިކަން ގެއްލިގެންދިޔަ ކޮންމެ ދަނޑިވަޅެއްގައި އިސްލާމުން ބަލިކަށިވެ މިކަމެތިވި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމީ އުހުއްވަތްތެރި ކަމުގެ ގުޅުމަކީ، މާތް ﷲ އަށްޓަކައި އެ ގުޅުން ހާލިސްކޮށްފިނަމަ މުސްލިމުންގެ ކިބައިން ކުދި ފާފަތައް ފޮހެވިގެންދާ ހެޔޮ އަމަލެއް ކަމަށްވެސް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ.