ޚަބަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުދުރަތީ ހައްލު ގެނައުމަކީ މުހިންމު ކަމެއް: ނަޝީދު

ފަތޯނާ ފާއިޒު

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާއިރު، "ނޭޗާ ބޭސްޑް ކްލައިމެޓް ސޮލިއުޝަންސް" ނުވަތަ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ގުދުރަތީ ގޮތުން ގެނެވިދާނެ ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް، އަދި މޯލްޑިވްސް ކޮރަލް އިންސްޓިޓީއުޓްގެ ފައުންޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގައި ބޭނުންކުރާ އިޔާދަ ނުކުރެވޭ ހަކަތައިގެ ބާވަތެއް ކަަމުގައިވާ ފޮސިލް ފިއުލް (ބިމުގެ އަޑިން ކޮނެގެން ނަގާ ހަކަތަ)އިން ދުރުވުމާއި ގުދުރަތީ ކްލައިމޭޓް ސޮލިއުޝަންތައް ގެނައުމަކީ އެކުއެކީގައި ކުރަންޖެހޭ، މުހިންމު ދެކަމެއް ކަމަށެވެ.

ރައީސް ނަޝީދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތަކާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގައިވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމަނިކުފާނު އުފައްދަވާފައިވާ ކޮރަލް އިންސްޓިޓިއުޓަކީވެސް، ތިމާވެއްޓާ ގުޅުންހުރި މަސައްކަތް ކުރެއްވުމަށް އުފައްދަވާފައިވާ ޖަމްއިއްޔާއެކެވެ.