ދިރާގު ރޯޑް ރޭސް

ދިރާގު ރޯޑް ރޭހުގެ ދިހަ ކިލޯމީޓަރު ދުވުމުގެ އެއްވަނަ ފަޒީލާއި ޖައިޝާއަށް

އަލީ ރިފްޝާން

ދިރާގު ރޯޑް ރޭހުގެ ދިހަ ކިލޯމީޓަރުގެ ދުވުމުގެ އެއްވަނަ ހުސައިން ފަޒީލް ހާރޫނާއި އާމިނަތު ޖައިޝާ ޖުނީޒް ހޯދައިފިއެވެ.

ދިރާގު ރޯޑް ރޭސް ކުރިއަށްދަނީ ހުޅުމާލޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށައިގެން ދުވުން ނިންމަން ވެސް ޖެހެނީ ސެންޓްރަލް ޕާކަށެވެ. މިއަދު ހެނދުނު ކުރިއަށްދިޔައީ ރޯޑް ރޭހުގެ ދިހަ ކިލޯމީޓަރުގެ ދުވުމެވެ.

އެ ދުވުމުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ދިހަ ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ފަޒީލެވެ. އެ ދުވުމުގެ ދެވަނަ މުހައްމަދު ރަޝީދު ހޯދި އިރު، ތިންވަނަ ހޯދީ މެރަތަން އާއި ހާފް މެރަތަންގެ ގައުމީ ރެކޯޑު އޮންނަ ޝިފާޒް މުހައްމަދެވެ.

އެ ދުވުމުގެ އަންހެން ބައިގެ އެއްވަނަ ހޯދީ އާމިނަތު ޖައިޝާ ޖުނީޒެވެ. އަންހެނުންގެ މެރަތަން އަދި ހާފް މެރަތަންގެ ގައުމީ ރެކޯޑު އޮންނަ މަރިޔަމް އަބްދުލްކަރީމް (މަރީ) ދެވަނަ ހޯދި އިރު، ތިންވަނަ ހޯދީ ޕެޓްރީޝިއާ ޑޮރީން ގޮމޭޒެވެ.

މިއަހަރު ބާއްވާ ރޭހުގައި ޖާގަދީފައިވަނީ 4000 ދުވުންތެރިންނަށެވެ. މި ފަހަރުގެ ރޯޑް ރޭހުގައި ވެސް ދުވުންތެރިންނަށް ދިހަ ކިލޯމީޓަރުގެ އިތުރުން ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ރޯޑް ރޭހުގެ ދިހަ ކިލޯމީޓަރު ދުވުމުގައި ހިމެނެނީ ހަމައެކަނި އޯޕަން ކެޓަގަރީއެވެ. އެ ކެޓަގަރީގެ އެއްވަނައަށް 10،000 ރުފިޔާ، ދެވަނައަށް 8،000 ރުފިޔާ އަދި ތިންވަނައަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ދިރާގު ރޯޑް ރޭހުގެ ފަސް ކިލޯމީޓަރު ދުވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. ފަސް ކިލޯ މީޓަރުގައި އޯޕަން ކެޓަގަރީ އާއި 45 އަހަރުން މަތީގެ ކެޓަގަރީ އާއި 13 އަހަރުން ދަށުގެ ކެޓަގަރީ އަދި 13 އަހަރުން މަތީގެ ކެޓަގަރީ ހިމެނެއެވެ. އޯޕަން ކެޓަގަރީ އާއި 45 އަހަރުން މަތީގެ ކެޓަގަރީގެ އެއްވަނައަށް 6،000 ރުފިޔާ، ދެވަނައަށް 4،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.