ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާކޮށް ބައެއް ހިސާބުތަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރާނެ ކަމަށެވެ.
ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މިއަދު ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ބައެއް ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
އެގޮތުން އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް އެފަރާތުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.