ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތުވެސް މިނިވަން ވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާ މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ތޮލްހަތުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކުރީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން ތޮލްހަތުގެ ފަރާތުން ހުށަހަޅާފައި ވާތީ އެ މައްސަލަ ނިމެންދެނެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި، ތޮލްހަތުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި އެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެއްވެސް ފަރާތަކުން ނޭޅުމަށް ވަނީ އަމުރުކޮށްފައެވެ.

ތޮލްހަތުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެރޭ މެންދަމު ކުރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައިގައެވެ.

ތޮލްހަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ 10 އޭޕްރީލް 2015 ގައެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ތޮލްހަތު ހުންނެވީ ގޭގައެވެ.

އެމައްސަލައިގައި ހައްޔަރުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ނަގައި ދިނުމަށް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ދައުވާކޮށްފައެވެ.

ޢަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ކުށް ސާބިތުވެ ހުކުމްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ތޮލްހަތުގެ މައްޗަށެވެ.