ޚަބަރު

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ: ނައިބު ރައީސް

1

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެހެން ވިދާޅުވެފައިވަނީ އިސްލާމްދީނަށް އިހާނެތިކޮށް ހިތުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ހާއްސަ ކޮމެޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އަދި ތަހައްމަލުކުރާ މުޖުތަމައެއް ގާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި އިދާރާތަކުގެ ވެރިން ވަނީ ކޮމެޓީގައި ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން އެ އިދާރާތަކާއި ވުޒާރާތަކުން މިހާރު މިކަމާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އަދި ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.

ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު ދަތިތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭކަން މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅުކުރުމާއި ތަހައްމަލުކުރަން ދަންނަ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުޖުތަމައު ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟