ޚަބަރު

އަޅުގަނޑުމެން ދިން ވޯޓު އަޅުގަނޑުމެންނާ ހަމަކޮށްފި، ތަހައްމަލު ކުރަން މިޖެހެނީ އޭގެ ނަތީޖާ: ޔާމީން

މަރިޔަމް ޝަހުދާ

ރައްޔިތުން ދިން ވޯޓު ރައްޔިތުންނާ ހަމަކޮށްފި ކަމަށާއި މިހާރު ތަހައްމަލު ކުރަން މިޖެހެނީ އޭގެ ނަތީޖާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވެފައިވަނީ ކައުންސިލް އިންތިހާބަށް ކުރިއަށްދާ ކެމްޕެއިންގެ ތެރެއިން މިރޭ މ.މުލަކުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ޔާމީން ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ޑިމޮކްރަސީއަށް ލޯބިކުރާ މިންވަރު ފެނުނު ކަމަށެވެ. އަދި ޑިމޮކްރަސީއަކީ ރައްޔިތުން ނިންމާ ކަމެއް ރައްޔިތުންނާ އަރާ ހަމަކުރާނެ ކަމެއް ކަމަށާއި މިހާރު މި ތަހައްމަލް ކުރަން ޖެހެނީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

''ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބުގައި ދައްކައިދީފިއޭ ޑިމޮކްރަސީއަށް ލޯބި ކުރާ މިންވަރު. ޑިމޮކްރަސީގެ ފައްކާ ކަމަކީ ޑިމޮކްރަސީގައި ރައްޔިތުން ނިންމާ ކަމެއް ރައްޔިތުންނާ ހަމަކުރާނެ. އައިސް ބައްދަލު ކުރާނެ. އަޅުގަނޑުމެން ދިން ވޯޓު އަޅުގަނޑުމެންނާއި ބައްދަލުކޮށްފި. ދެން އެ ނަތީޖާ އަޅުގަނޑުމެން ތަހައްމަލު ކޮށްލަން މިޖެހެނީ.''

ޔާމީން އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތް ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ކުރަން ހުރި މަސައްކަތްތައް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރަށް މުހިއްމު މަޝްރޫއުތައް ނުހިންގޭކަން ފާހަގަކޮށް ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން މ. އަތޮޅުގެ ތިން ރަށަކަށް ދަތުރުކުރެވުނު އިރު، އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާ މަޝްރޫއަކަށް ސަނާ ކިޔައި، ޝުކުރު އަދާކޮށް، އެއްވެސް މީހަކު ވާހަކަދައްކާތަން ފެނިފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެ އަތޮޅަކީ މަސްވެރި އަތޮޅަކަށް ވާއިރު، މ. އަތޮޅުގައި މަސްވެރިކަމާ ގުޅޭ އެއްވެސް މަޝްރޫއެއް ކުރިއަށްނުގެންދާކަން ވެސް ޔަމީން ފާހަގަކުރެއްވިއެވެ.