ވޯކް ވިސާ ހެދުމަށް ނަކަލުކޮށްފައިވާ ރިޕޯޓެއް ހުށަހެޅި ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިމީހާ ގެނެވުނީ ނަކަލުކޮށްފައިވާ މެޑިކަލް ރިޕޯޓެއް ހުށަހެޅުމުން ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
އިމިގްރޭޝަނުން މިމައްސަލައާ ގުޅޭ އަދި މި މައްސަލަައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާގެ އިތުރު މައުލޫމާތެއް ނުދެއެވެ. ނަމަވެސް އިމިގްރޭޝަނުން އާންމުކުރި މިމީހާގެ ފޮޓޯތަކުން ދައްކާގޮތުގައި އެމީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލެ ފިހާރައެއްގެ ތެރެއިންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނައިރު ދާދި ފަހަކުން އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވެގެން އުޅުނު ދެ ބިދޭސީއެއް ޑީޕޯޓުކޮށްލާފައެވެ. މީގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން އަންނަ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުގެ އިދާރާތަކާއެކު މަސައްކަތް ކުރުމަށް ޓާސްކް ފޯސްއެއް އެކުލަވާލައިގެން ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.