ޚަބަރު

ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ''ކުރޮސްރޯޑް'' ރަސްމީކޮށް ހުޅުވައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު ކަމަށްވާ ''ކުރޮސްރޯޑްސް މޯލްޑިވްސް''ގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ހުޅުވައިފިއެވެ.

މާލެ އަތޮޅު އެނބޫދޫ ފަޅުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ކްރޮސްރޯޑްސް އަކީ އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށް ބިނާކޮށް، 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ.

މަޝްރޫއު ދަށުން ވަކިވަކިން ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީ ކުރާއިރު، މި މަޝްރޫއު ހިންގަނީ ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުންނެވެ.

އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 178 ރޫމް ހިމެނޭ "މިއުޒިކީ ފުށީގައި - ހާޑްރޮކް ހޮޓެލް" އާއި 198 ރޫމް ތަރައްގީކޮށްފައިވާ "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އެވެ. ދެން ހިމެނެނީ އެއް ފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް"އެވެ. ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ޔޮޓް މެރީނާގެ ގޮތުގައި ވެސް ހިމެނޭ އެތަން ހަދާފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޖަލްބޫތު ހޯލްޑިން އެލްއެލްސީންނެވެ.

މި ބަޔަކަށް އެކަނިވެސް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ސިންގަ އެސްޓޭޓްއިން ބުނެއެވެ.

މިމަހުގެ ދެވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގެ ފުރަތަމަ ފިޔަވަހި ހުޅުވި ނަމަވެސް، އެ މަޝްރޫއުގެ ދަށުން ހެދި ތަންތަން ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ކްރޮސްރޯޑްސް މިއަދު ރަސްމީކޮށް ހުޅުވުމާއެކު ކްރޮސްރޯޑްސްގެ ސީއޯއޯ ތިޓީ ތޮންބެޖަމަސް ވިދާޅުވީ މާދަމާއިން ފެށިގެން އެ ރިސޯޓަށް ދިވެހިންދާން ހުޅުވާލާނެ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އަދި މާފުށިން މިތަނަށް ކޮންމެ ދުވަހަކު ދެ ފަހަރު ފެރީ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޓިކެޓް ވިއްކަނީ މީހަކަށް 80 ރުފިޔާއަށެވެ.