ނ. އަތޮޅު ވެލިދޫ ފަޅުތެރެއަށް ކަޅުބިލަ މަހުގެ އައިނެއް ވަދެއްޖެ އެވެ.
ކަޅުބިލަ މަހަކީ އާންމުކޮށް މާކަނޑުގައި އައިން ހަދައިގެން އުޅޭ އެއްޗަކަށް ވާއިރު ފަޅުތެރެއަށް އެ އެއްޗެހި ވަނުމަކީ ވަރަށް މަދުން ނޫނީ ވާ ކަމެއް ނޫނެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން ވިދާޅުވީ ކަޅުބިލަމަސް އައިނެއް އިއްޔެ އެރަށު ފަޅަށް ވަތް ކަމަށެވެ.
ރަށުގެ ބަނދަރު ސަރަހައްދަށް ކަޅުބިލަސް އައިނު ވަން އިރު އެ ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އިއްޔެ އެއްވި ކަމަށް އަސްމާ ވިދާޅުވިއެވެ.
އަސްމާ ވިދާޅުވީ ކަޅުބިލަ މަސް ފަޅުތެރެއަށް ވަދެ ގިނަ އިރުތަކެއް ވުމުންވެސް ބޭރަށް ގޮސްފައި ނުވުމުން ރަށުގެ ބަޔަކު އެ މަސް ބާނާފައިވާ ކަމަށެވެ.
"އިއްޔެ 1030 ނޫނީ 1100 އެހާއިރު މަސްތައް ފަޅުތެރެއަށް ވަނީ. ދެން މީހުން ގޮސް އެ ބާނާފައި ވަނީ. ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ މަސްތައް ބާނާފައި ވަނީ،" އަސްމާ ވިދާޅުވިއެވެ.